ކަނޑަށް އުކާލާ ޕްލާސްޓިކް ނައްތާލައި، ތެލުގެ ގޮތުގައި ޕްލާސްޓިކް ބޭނުން ކުރެވޭ ޔޮޓެއް ހަދަން ފްރާންސުގެ ޓީމަކުން ތައްޔާރުވެއްޖެ އެވެ.
ފްރާންސުގެ “ޔޮޓްސްމަން”އެއް ކަމަށްވާ ޔުވޯން ބާރނޮން އާއި އޭނާގެ ޓީމުން ހަދާ މި ޔޮޓު 2024ގައި ތައާރަފު ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ޔޮޓަށް އެޓީމުން ދީފައިވާ ނަމަކީ “މަންތާ”އެވެ.
މަންތާއެއްގެ ބައްޓަމަށް ތައްޔާރުކުރާ މި ޔޮޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް އަލުން ބޭނުން ކުރުމަށް އޮތް ހައްލެއް ކަމަށް ތިމާވެށްޓާ ބެހޭ ގިނަ ފަރާތްތަކުންގަބޫލު ކުރެއެވެ. 158 ފޫޓުގެ ކަޓަމަރަނެއްގޮތަށް ތައްޔާރުކުރާ މި ޔޮޓުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާ ރޭލަކާއި ކަރަންޓު މޯޓަރުތައް ހުންނާނެއެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ޔުވޯން ބޭރުގެ ނޫސްތަކަށް ބުނެފައިވަނީ އޭނާ ކަނޑުމަތީގައި ހޭދަ ކުރި ދުވަސްތަކުގައި ކަނޑުން ޕްލާސްޓިކް ނުފެންނަ ދުވަހަކާ ދިމާ ނުވާކަމަށެވެ. އެހެންކަމުން މި ޔޮޓަކީ އެފަދަ ޕްލާސްޓިކް ނައްތާލަން ކުރި މަސައްކަތުން ލިބުނު ހިޔާލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ޔޮޓު ދަތުރުކުރާއިރު ކަނޑުމަތިން ޕްލާސްޓިކް ހޮވައި އަމިއްލައަށް ޕްލާސްޓިކް އަންދާލާނެއެވެ. އަދި އެ އަންދާ ޕްލާސްޓިކުން ގޭސް އުފައްދައި އެއިން ކަރަންޓުއުފައްދައި ޔޮޓަށް ކަރަންޓު ފޯރުކޮށްދޭނެއެވެ.
ޔުވާން ލަފާ ކުރާގޮތުގައި މީގެ 400 ޔޮޓު އޮޕަރޭޝަނަށް ނެރެންޏާ ދުނިޔޭގެ ކަނޑު ސަރަހައްދުގެ ތިން ބައި ކުޅަ އެއްބައި ޕްލާސްޓިކް ނައްތާލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!