ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް، "ރެސްްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން"ގައި ބޭނުންކުރުމަށެވެ.

Ad
rt

ފުޑް އެންޑް ޑްރަގް އޮޓޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާނީ ބަލަންޖެހޭ ޓެކްނިކަލް ކަންކަމަށް ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑްކަމަށްވާ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑްގެ ލަފަޔާ އެކުގައިކަމަށެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 4 އަދި 6 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަޔާނުގައި އިތުރަށް ބުނީ، މިހާތަނަށް ބެލިބެލުމުން އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިނާއި ކޮވިޝީލްޑް ވެކްސިނަކީ އެއް ކޮމްޕޮޒިޝަނެއް އަދި ފޯމިއުލޭޝަނެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެއް ވެކްސިނެއްކަން ޔަގީންކުރެވޭކަމަށެވެ. ރާއްޖޭގައި މި ވެކްސިން ޖަހާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް މާބަނޑު އަންހެނުންނަށް މި ވެކްސިނެެއް ނުޖަހާނެއެވެ.

އެ އޮތޯރިޓީން އިތުރަށްވަނީ ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދޫކުރުމުގައި ޑަބްލިޔުއެޗްއޯއިން އަދި ބައިނަލްއަގްވާމީ އުސޫލުތަކުގެ ދަށުން ހެލްތު އިމަރޖެންސީ ހާލަތުގައި ބޭނުންކުރާ އާ ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ރިއާޔަތްކޮށްފައިވާނެކަމަށް ބުނެފައެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރީ ބައިލައްކަ މީހުންނަށް ދެވޭނެވަރަށް 100،000 ވެކްސިން ޑޯޒެވެ.