ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓެނެންޓް ކާނަލްގެ މަޤާމަށް އަންހެން ސިފައިން ރޭންކްކޮށްފިއެވެ.

މި އަންހެން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވަނީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމަށް އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

Ad
rt

މި ރޭންކަށް 3 އަންހެން ބޭފުޅަކަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވާއިރު، މި ތިން ބޭފުޅުންނަކީ ވެސް ކުރިން މޭޖާ ރޭންކުގައި ތިއްބެވި ސިފައިންނެވެ. އެއީ މޭޖާ ހައްވާ ޝެނީން އާއި މޭޖާ ޑރ. ފާތިމަތު ތަހުސީނާ އާއި މޭޖާ ޑރ. އައިމިނަތު ޝުމްރާ އެވެ. މީގެ ތެރެއިން ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙުސީނާއަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގެ ރޭޑިއޯލޮޖިސްޓެކެވެ. ލެފްޓިނެންޓް ކާނަލް ޑރ. އާމިނަތު ޝުމްރާއަކީ ސެނަހިޔާ ހޮސްޕިޓަލްގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެކެވެ. އަަދި ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓް (ސިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ(ސީއީއޯ)އެވެ.

މިއީ އަންހެނުންގެ އަސްކަރީ ޚިދުމަތުގެ ތާރީޚުގައިވެސް މިފަދަ މަތީ ރޭންކަކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރުކަމަށްވީއިރު، މިކަން ފާހަގަ ކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވެސްވަނީ މި ކަމުން ދޭހަކޮށްދެނީ، ދިވެހި ޢަސްކަރިއްޔާގައި ވެސް އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުޞަތުތައް އޮތްކަން ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ސިފައިންގެ ތާރީހުގައި އަންހެން އޮފިސަރުން މޭޖާ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޝަން ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރުކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.

''މިއީ ދިވެހި ސިފައިންގެ ތާރީޚުގައިވެސް، އަދި ދިވެހި އަންހެނުންގެ ޢަސްކަރީ ޚިދުމަތުގެ ތާރީޚުގައިވެސް، މި ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރު. މިހާރު އެމް.އެން.ޑީ.އެފް.ގެ ރޭންކުތަކަށް ބަލާއިރު، އެންމެ މަތިން ފެށިގެން މިއީ ހަތަރު ވަނަ ރޭންކު. މިއިން އެނގެނީ، ދިވެހި ޢަސްކަރިއްޔާގައިވެސް، އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުޞަތު އެބައޮތްކަމާއި، ސިފަވަންތަކަމުގެ ގޮތުންނާއި، ހިންގުންތެރިކަމުގެ ދާއިރާއިންވެސް، ޤާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވިކަން.''

ރައީސް ވިދާޅުވިއެވެ.

އެ ރަސްމިއްތާތުގައި ވަނީ ކާނަލް ރޭންކުގައި ތިއްބެވި ސިފައިންގެ ސީނިއަރ ހަތަރު އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ވެސް ދެއްވާފަ އެވެ. މިގޮތުން މަގާމްގެ ކުރިއެރުން ލިބުނު އޮފިސަރުންނަކީ، ކާނަލް ރޭންކުގައި ތިއްބެވި ސީނިއަރ ހަތަރު އޮފިސަރުންކަމުގައިވާ މުޙައްމަދު ޝަރީފްއާއި، އިސްމާޢީލް ޝަރީފްއާއި، ޢަބްދުﷲ ޒުހުރީ އަދި ޢަބްދުލް މަތީން އަޙްމަދެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެލައްވާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.