ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ބަދަލުކޮށް ރައްޔިތުންގެ މަޖިލިސްއިން ފާސްކުރި އެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލުގައި ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި މިހާރު ވެސް ބިލު އޮތް ގޮތުން، އަދިވެސް މެއި 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް މިހާރު ބިލުގައި އޮތީ ހިމަނާފައެވެ.

Ad
rt

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.

އެ ބިލުގައި އިތުރަށް ބުނެފައިވާ ގޮތުން އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން، މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އަދި، މިއަދުން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި ބިލަކީ 2021 ޖަނަވަރީ 19 ވީ އަންގާރަ ދުވަހު، ދައުރުން ބޭރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޚާއްޞަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.