ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް (އައިއޭއެސް)އަށް، ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) އެއް ހޯދަން އިއުލާނުކޮށްފި އެވެ.
އައިއޭއެސްއަށް ސީއެފްއޯ އެއް ހޯދަން އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ހަމަ އެކަނި ދިވެހިންނަށް ކަމަށެވެ.
ސީއެފްއޯގެ މަގަމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން މަގާމަށް ކުރިމަތި ލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނީގެ ބިޒްނަސް އަދި ފައިނޭންޝަލް ޕްލޭން އެކުލަވާލާ ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމާއި، ކުންފުނީގެ މާލީ ކަންތައް ހަރުދަނާކޮށް ކޯޕަރޭޓް ގަވަނަންސް ގެ އުސޫލުން އެ ކަންތައް ކުރިއަށްދާކަން ޔަގީން ކުރުން ހިމެނެ އެވެ. އަދި މި މަގާމުގެ ފެންވަރު ނުވަތަ ޝަރުތުގެ ތެރޭގައި އޭސީސީއޭ ނުވަތަ ސީޕީއޭ ނުވަތަ ސީމާ ފަދަ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ މެންބަރަކަށް ވުމާއި، 10 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. އަދި އެގެ ތެރެއިން ފަސް އަހަރަކީ ފައިނޭންޝަލް ކޮންޓްރޯލާ އެއް ނުވަތަ މާލީ ޒިންމާ ތަކާ ހަވާލުވެ ހުރި މީހެއްގެ ތަޖުރިބާ އަށް ވާންޖެހެއެވެ. އަދި އެ މަގާމު އަދާކުރި ކުންފުންޏަކީ އެނުއަލް ޓާން އޯވާއަށް 1.5 ބިލިއަން ރުފިޔާ ލިބޭ ކުންފުންޏަކަށްވެސް ވާން ޖެހެ އެވެ. ނުވަތަ މަގާމަށް ކުރިމަތިލާ ފަރާތަކީ އެކައުންޓިން ފައިނޭންސް ނުވަތަ އެފަދަ ދާއިރާ އަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ، 12 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
We are looking for a Chief Financial Officer to join our team. For details contact us on 3331292 or 3024788 during official working hours.https://t.co/UYYjfCsQbm
— Maldivian (@MaldivianAero) January 21, 2021
އައިއޭއެސް އަށް ސީއެފްއޯ އެއް ހޯދަން އިއުލާނުކޮށްފައިވާއިރު އެކުންފުޏަށް ވަނީ ކޯވިޑްގެ ސަބަބުން މާލީ ބޮޑެތި ގޮންޖެހުންތަކާއި ވެސް ކުރިމަތިލާން ޖެހިފައެވެ.
މީގެ އިތުރުން ދާދިފަހުން ސަރުކާރުން ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ރިޒްވީގެ ބަދަލުގައި ކުންފުނީގެ އެމްޑީގެ މަގާމަށް މުހައްމަދު މިހާދު އައްޔަނު ކޮށްފަ އެވެ.
މޯލްޑިވިއަންގެ އުދުހުންތަކުގައި ޑޭޝް8 -200 މަރުކައިގެ 37 ގޮނޑީގެ 2 މަތިންދާ ބޯޓާއި ޑޭޝް8-300 މަރުކައިގެ 50 ގޮނޑީގެ 8 މަތިންދާ ބޯޓު ބޭނުން ކުރެއެވެ.
އެއަރލައިނުން މާމިނގިލި ފިޔަވާ ރާއްޖޭގެ ހުރިހާ އެއަރޕޯޓުތަކަށް ދަތުރު ކުރާއިރު ޗައިނާއަށާއި، ތައިލެންޑްގެ ވެރިރަށް ބެންކޮކަށާއި، އިންޑިއާގެ ޗެންނާއި، ކޮޗިން، ޑްރެވެންޑަރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ބޭރުގެ ދަތުރުތައް ކުރެއެވެ.
މޯލްޑިވިއަންއަށް މިއަހަރު ވަނީ ބައިނަލްއަޤްވާމީ އެވޯޑް ތަކެއްވެސް ހޯދާފައެވެ. މިގޮތުން މިމަހު ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް އެކުންފުނިން ހޯދިއިރު، އެ ކުންފުންޏަށް މިއަހަރުގެ ޖޫން މަހު ވަނީ ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ވެސް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!