މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވޯލްޑް ރެކޯޑެއް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ "ފްރީ ޑައިވް" ހަރަކާތް އިންތިޒާމުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

މިނިސްޓްރީއިން ފުރަތަމަ ކުރި އިޢުލާނަށް ޝަރުތުހަމަވާ ތިން ފަރާތުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް ކުރި އިޢުލާނެކެވެ.

Ad
rt

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް އެމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 12:00 އަށް އެމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެދިފައި ވެއެވެ.

ފްރީ ޑައިވަ ހަރަކާތަކީ އެއް ތަނަކަށް އެންމެ ގިނަ ފްރީޑައިވަރުން އެއްފަހަރާ ފީނުމުގެ ދުނިޔޭގެ ރެކޯޑް ގާއިމްކުރުމަށް ބޭއްވޭ ހަރަކާތެކެވެ. ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި 500 ޑައިވަރުން ބައިވެރިވާނެ އެވެ. މި ހަރަކާތުގައި ދުނިޔޭގެ ފްރީޑައިވިން ޗެމްޕިއަން ވިލިއަމް ޓްރޫބްރިޖް ބައިވެރިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އެއްފަހަރާ 280 މީހުންނާ އެކު ފްރީޑައިވްކޮށްގެން ދުނިޔޭގެ ރެކޯޑް މިހާރު ހޯދާފައި އޮތީ އިޓަލީގެ ވެރޯނާގަ އެވެ. އެއީ 11 އޮކްޓޯބަރު 2009 ގަ އެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދުމުގެ ލަނޑުދަނޑި ކަނޑައަޅައި މަސައްކަތް ފެށިކަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއުލާން ކުރެއްވީ ޓޫރިޒަމްގެ އާ މާސްޓާ ޕްލޭން އިފްތިތާހް ކުރި ރޭގަ އެވެ.

އެ ރޭ މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ރެކޯޑެއް ގާއިމްކުރުމަށް، މާލެ ވަށައިގެން ހިއުމަން ރިންގެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، ފްރީ ޑައިވް ދުނިޔޭގެ ޗެމްޕިއަނުންނާ އެކު، ފްރީ ޑައިވްގެ ދުނިޔޭގެ ރެކޯޑެއް ހެދުމުގެ މަސައްކަތް ވެސް ކުރަން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އާއްމުންނަށް މި ޑައިވްގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާ އެކަމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް ދުވަހުގެ އެކި އެކި ހަރަކާތްތައް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ވ. އަތޮޅުންނެވެ.