ލިވަރޕޫލް އަދި މިޞްރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހު އޭނާގެ ޤައުމު، މިޞްރުގެ އަވަށަކަށް އޮކްސިޖަން އުފުލާ އެމްބިޔުލާންސްއެއް ހަދިޔާކޮށްފިއެވެ.
މިޞްރުގެ ޤަރްބިއާ ސަރަހައްދަށް ސަލާހު ހަދިޔާކުރި އެމްބިޔުލާންސް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށެވެ.
ފުޓުބޯޅަ ކުޅުމުގެ ކެރިޔަރުގެ އިތުރުން ސަލާހު އަންނަނީ މިޞްރުގެ ފަޤީރު އެތަކެއް އަވައްތަކާއި ގުޅުން ބަދަހި ކުރަމުންނެވެ. އޭނާގެ އުފަން އަވަށަށް މިހާރުވެސް ސަލާހު ޗެރިޓީ ފައުންޑޭޝަންގެ ފަރާތުން އަންނަނީ 64000 ޑޮލަރުގެ އެހީތެރިކަން ކޮންމެ އަހަރަކުވެސް ވަމުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ސަލާހު، ވަނީ މިޞްރުގެ ސިއްހީ ކަންކަމަށް އެހީތެރިކަން މި ބަލިމަޑުކަމާއި އެކު ފޯރުކޮށްދީފައެވެ.
ސަލާހު ފައުންޑޭޝަން ޗެރިޓީގެ އިސްވެރިޔާ ބަކްރު ވިދާޅުވިގޮތުގައި، މި ފަހުން 14 ސިލިންޑަރުގެ އޮކްސިޖަންވަނީ އެ ސަރަހައްދަށް ފޯރުކޮށްދީފައެވެ. ބަކްރު ބުނާ ގޮތުގައި މި ފައުންޑޭޝަންގެ ފަރާތުން ގޭބިސީ ތަކުގެ ދޮރުމައްޗަށް އޮކްސިޖަން އަންނަނީ ފޯރުކޮށްދެމުންނެވެ.
މި ފައުންޑޭޝަންގެ ފަރާތުން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އަންނަނީ މިޞްރުގައި އެމްބިޔުލާންސްގެ މަސައްކަތްވެސް ކުރިއަށް ގެންދަމުންނެވެ. އަދި މި އެމްބިޔުލާންސްތަކުގައި ގިނަ ޢަދަދެއްގެ ކޯވިޑް-19ގެ ބަލިމީހުން އުފުލާއިރު، ބަލި ޖެހިފައިވާ މީހުން އެކަހެރި ތަންތަނަށްވެސް އަންނަނީ އުފުލަމުންނެވެ.
މިޞްރުގައި މިހާތަނަށް މި ބަލިމަޑުކަމުގައި 150،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، މި ބަލީގައި 8249 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!