އިނގިރޭސި ލީގުކަޕްގެ ސެމީފައިނަލް މެޗުގައި އިނގިރޭސި ދެވަނަ ޑިވިޝަންގެ ޓީމެއް ކަމުގައިވާ ބްރެންޓްފޯޑް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޓޮޓެންހަމްއިން ކަށަވަރު ކޮށްފިއެވެ.

ކަރަބޯކަޕްގެ ނަމުން މިހާރު ނަންދެވިފައިވާ މި މުބާރާތުގެ ސެމީފައިނަލް މެޗު ޓޮޓެންހަމް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

އަންގާރަ ދުވަހުގެ ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ފުރަތަމަ ލަންޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް މިޑްފީލްޑަރ ސިސޯކޯއެވެ. މި ލަނޑު ސިސޯކީ ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ޑިފެންޑަރ ރެގީލޯން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

ދެވަނަ ހާފު ފަށައިގެން ބްރެންޓްފޯޑުން ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. މިގޮތުން ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އެ ޓީމުގެ އީވާން ޓޮނީ ފޮނުވާލި ބޯޅަ ގޯލަށް ވަތް ނަމަވެސް އެ ލަނޑު ވީއޭއާރު އިން ބެލުމަށްފަހު ރެފްރީވަނީ އޮފްސައިޑް ލަނޑެއްކަމށް ނިންމާފައެވެ.

މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ސޮން ހުއެން މިންއެވެ. މި ލަނޑު ސޮން ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ މިޑްފީލްޑަރ އެންޑޮންބެލޭ ތަނަވަސް ކޮށްދިން ފުރުޞަތަކުންނެވެ.

2008 ވަނަ އަހަރުގެ ލީގުކަޕް ކާމިޔާބު ކުރެވުނު ފަހުން ފާއިތުވި 13 އަހަރު ދުވަހު ޓޮޓެންހަމްއަށް ތައްޓެއް ކާމިޔާބު ކުރެވިފައިނުވެއެވެ. މި މުބާރާތުގެ ފައިނަލުގެ ޓޮޓެންހަމް ބައްދަލު ކުރަންޖެހޭ ޓީމް ކަށަވަރު ވެގެންދާނީ ބުދަ ދުވަހުގެ ރޭ (މިރޭ) މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗަށް ފަހުގައެވެ. މިއީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމް ކޯޗުކަމާއި ހަވާލުވި މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅޭނެ ފުރަތަމަ ފައިނަލެވެ.