އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތުހެމްޓަން އަތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ސައިތުހެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ސައުތުހެމްޓަން އަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިނގިރޭސި ފޯވާޑް ޑެނީ އިންގްސްއެވެ. މި ލަނޑު އިންގްސް ކާމިޔާބު ކޮށްފައިވަނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ މިޑްފީލްޑަރ ވާޑް ޕޯސޭ އޭރިއާގެ ތެރެއަށް ފޮނުވާލިބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

Ad
rt

ބައިކޮޅަށް ވަތް ލަނޑާއިއެކު ލިވަޕޫލުން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް ގޯލެއް ކާމިޔާބު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ސައުތުހެމްޓަންގެ ފަރާތުން މޮޅު ޑިފެންސިވް ގޭމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުންވަނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ގޯލެއް ކާމިޔާބު ކުރުމުގެ ފުރުޞަތުނުދީ މުޅި މެޗުގައި ހިފަހައްޓާފައެވެ.

ރޭގެ މެޗުގެ ބައެއް ނިންމުތަކާއި މެދު ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މިގޮތުން އޭރިއާގެ ތެރެއިން ސައުތެމްޓަނުގެ ޖެކް ސްޓެޕެންސްގެ އަތުގައި ޖެހުނު ބޯޅައާއި، އަދި އެ ޓީމްގެ ފޯވާޑް ސަޑިއޯ މާނޭއަށް އޭރިއާ ތެރެއިން ކުރި ދެ ފައުލެއްގައި ވީއޭއާރުން ބަލައި ޕެނަލްޓީ ނޫންކަމަށް ނިންމުމާއި ގުޅިގެން މެޗަށްފަހު މި ނިންމުންތަކަށް ކްލޮޕްވަނީ ފާޑުކިޔާފައެވެ.

މި މެޗުން ލިވަޕޫލް ބަލިވުމުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ގޮސްފައިވަނީ ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށެވެ. ލިވަޕޫލް މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ޔުނައިޓެޑް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ލިވަޕޫލަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ދެވަނާގައި އޮތް ޔުނައިޓެޑް އެ ޓީމް ލީގުގައި ކުޅުނު 16 މެޗުން ވަނީ 33 ޕޮއިންޓް ލިބިފައެވެ. މެޗު ކާމިޔާބުކުރި ސައުތުހެމްޓަން މިވަގުތު އޮތީ އެ ޓިމް ލީގުގައި ކުޅުނު 17 މެޗުން ލިބުނު 29 ޕޮއިންޓާއިއެކު ލީގުގެ ހަ ވަނާގައެވެ.