އަދާލަތު ޕާޓީ (އޭޕީ)ގެ އެންމެ އިސް ދެ މަގާމު ކަމުގައިވާ، ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބު މި މަހުގެ 23 ގައި ބާއްވަން ނިންމައިފިއެވެ.
މިގޮތުން އޭޕީއިން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު 23 ޖެނުއަރީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ޕާޓީގެ އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނުވަ ވަނަ ދުވަހުގެ 2:00ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ޕާޓީގެ ދުސްތޫރުގައިވާ ފުރަތަމަ ދައުރާއި، މިހާރު ހިނގަމުންދާ ދައުރުގެ ވެސް ރައީސަކީ، ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އެވެ. މިހާރު ހިނގަމުންދާ ދެވަނަ ދައުރުގެ ނައިބު ރައީސަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
އަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް މިއަހަރުގެ ފެބުރުއަރީ 26 އާއި 27 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމާފައެވެ. އެ ޤައުމީ މަޖިލީހުގައި އެ ޕާޓީގެ އެކި މަގާމުތަކަށް މީހުން ހޮވާ ގޮތަށް ވެސް ވަނީ 28 އޮކްޓޯބަރު 2020 ގައި ޢިއުލާން ކޮށްފައެވެ. އެ ގޮތުން އެ ޕާޓީގެ ރައީސާއި ނައިބު ރައީސާއި ދާއިރާތަކުގެ ރައީސުންނާއި އަދި ގޮފިތަކުގެ ހިންގާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީއިން ވަނީ އެ ޕާޓީގެ ދުސްތޫރަށް މިފަހުން އެއްވެސް އިސްލާހެއް ގެނެވިފައިނުވާ ކަމަށް ވެސް ބުނެފައެވެ. އަދި އެ ޕާޓީން އެކަން އެގޮތަށް ހާމަކުރީ، ބައެއް މީޑިއާތަކުގައި ދައުރުވަމުންދާ މައުލޫމާތަކާއި ގުޅިގެން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އުފެދުނުތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަދާލަތު ޕާޓީގައި މިވަގުތު 6،600 އެއްހާ މެންބަރުން އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!