ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ފުރުއްވަމުން ގެންދަވާ ވެރިކަމުގެ ދައުރު 2023 ވަނަ އަހަރު ހަމަވާ ދުވަހު، ވަޑައިގަންނަވަން ޖެހޭނީ ގާމާދޫ ޖަލަށް ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މުޙައްމަދު މިހެން ވިދާޅުވީ މިއަދު ހަވީރު، ޓީވީޗެނަލް ''ޗެނަލް-13'' އިން ގެނެސްދިން ލައިވް ޕްރޮގްރާމް "މަގޭ ޤައުމު" ގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މިހާރު މި ވެރިކަން އޮތީ ވަރަށް ބަލިކަށިކޮށް ކަމަށެވެ. ކިރިޔާ "ކޮއްޕާލިޔަސް ވެއްޓޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ވެރިކަން ހިފެހެއްޓެފައި ވަނީ ދުވަސްވީ ހައެއްކަ މުލުގެ މައްޗަށް ކަމަށާއި، އެއް މުލަކީ 86 އަހަރުގެ މުލެއް ކަމަށާއި، އަނެއް މުލަކީ 67 އަހަރުގެ މުލެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެން މޫތައް ހުރީ ލުހިފައިކަމަށް އޭނާ ވިދާޅުވިއެވެ
ރައްޔިތުން ނުކުމެ މަގުތިން ޤާނޫނީ އިމުގެތެރެއިން މިވެރިކަން ބަދަލު ކުރަން މަސައްކަތް ކޮށް، "އެ ހަތަރުވަރަކަށް މޫ ދުއްވާލީމާ މިކަން ނިމިދާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
"ހިންނަވަރު އިބްރާޙީމް މުޙައްމަދު ޞާލިޙް އެއްގޮތަކަށް ވެސް ހީފުޅުކޮށްގެން ނުވާނެ 2023 ގައި ތިމަންނަ ރިޓަޔާކޮށްފައި ދާނީ ގެޔަށޭ، 2023ގައި ވެރިކަމުން ރިޓަޔާކޮށްފައި، ނޫންނަމަ ވެރިކަމުން ފައިބައިގެން ގާމާދޫ ޖަލުނޫންތަނެއް މި ބޭފުޅާއަކަށް އޮތްތަނެއް މިބޭފުޅާއަކަށް ނުފެންނާނެ، އަޅުގަނޑުމެން މިތިބީ އެ ހިތްވަރުގައި، އެމަސައްކަތް ކުރަން ވަރަށް ބޮޑަށް ސާބިތުކަންމަތީ، އެކަހަލަ ހުރިހާ ޖަރީމާއެއް މި ހިންގަނީ ވެރިކަމުގައި ހުރެގެން، ހިންގާ ނިންމާފައި އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެ ތާއަބަދު ތިކަމުގައި އިނދެވޭނެކަމަށް، ހަމަ ވެރިކަމުން ފައިބާ ނިމިގެން ގާމާދު ޖަލަށް، ރައީސް އޮފީހުން ލޯންޗަށް، ލޯންޗުން ޖަލަށް ހަމަ ދާންޖެހޭނީ"
މުޙައްމަދު ވިދާޅުވިއެވެ.
މުޙައްމަދު ވިދާޅުވީ ގޮތް ނިންމުން އޮތީ ރައްޔިތުންގެ އަތްމަތީ ކަމަށެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުޙައްމަދު ތަކުރާރުކޮށް ވިދާޅުވީ، ޤައުމަށް ''ހަމަޖެހުން އޮތީ'' ރައީސް ޔާމީން އަލުން ވެރިކަމާއި ހަވާލުވެގެން ކަމަށެވެ.
މުޙައްމަދު އެހެންވިދާޅުވިއިރު، ރައީސް ޔާމީން ހުންނެވީ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ޖަލުގައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރި މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަކްކޯޓުން ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ 28 ނޮވެމްބަރު 2019 ގައެވެ.
ރައީސް ޔާމީންގެ މައްޗަށް މިދަޢުވާ ދައުލަތުން އުފުލީ، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ގއ.ވޮޑަމުލާގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން އެމެރިކާ ޑޮލަރު ޔާމީންގެ އަމިލަފުޅު އެކައުންޓަށް ޖަމާކުރައްވައި، އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!