ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރަމުންދާއިރު، ރާއްޖޭގައި ކުޅިވަރު ކުޅެނީ ހަމައެކަނި ފުރަމާލޭގައިތޯ، އަތޮޅުތަގެ ދާއިރާތަކުން މަޖިލިސްއަށް އިންތިޚާބުވެފައި ތިބި މެންބަރުން ވިސްނާލަންޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ ގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ކުޅިވަރުއެސޯސިއޭޝަންތަކުގެ އިންތިޚާބުތަކުގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި ކުޅޭ ކުޅިވަރުތައް ކުޅެނީ ހަމައެކަނި ފުރަމާލޭފައިތޯ ވިސްނާލުން ރަނގަޅު ކަމަށެވެ.

Ad
rt

''ޙަޤީޤަތުގައި ވެސް އަޅުގަނޑުމެން އެބަ ބަލައިލަންޖެހޭ، ދިވެހިރާއްޖޭގައި އަދި ޚާއްޞަކޮށް އަޅުގަނޑުމެން އަތޮޅުތެރެއިން އައިސްފައި ތިބި މެންބަރުން، ފާހަގަކޮށްލަން ހަމަ އަޅުގަނޑު ބޭނުންވޭ. ދިވެހިރާއްޖޭގެ ފުޓްބޯޅައަށް ބަލައިލިޔަސް އަދި އެހެން ކުޅިވަރަކަށް ބަލައިލިޔަސް، ދިވެހިރާއްޖޭގެ ހަމައެކަނި ކުޅިވަރުކުޅެނީ ފުރަމާލޭގައިތޯ؟ މިއަދާ ހިސާބަށް އައިރުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ދިވެހިރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި އެބަހުރި ކުލަބުތައް ނުހަނު ބާރަށް އަރައިގެން އައިސްފައި، ހުރާއާއި ހަމަ އައްޑޫން އެތައް ކުލަބުތަކަކާއި، އަޅުގަނޑުމެން ކުޅުދުއްފުށީ މަގުލަސް ކްލަބާ.''

ުޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ އެހެންނަމަވެސް، މިއަދު އެއްވެސް އެ ކުލަބުތައް ނުވެސް ނެތް ކަމަށާއި، ޙަޤީޤަތަކީ މި ކުލަބުތަކަކަށް ކުޅިވަރުގެ މައިދާނުގައި، ފުޓްބޯޅައިގެ މައިދާނުގައި އެއްވެސް ހައިސިއްޔަތެއް ވެސް މިހިސާބަށް އައިއިރު ދެވިފައެއް ނެތް ކަންކަމަށެވެ.

''ހަމައެކަނި ބޭރުގެ ގްރާންޓެއް ހޯދަންވީމަ މި ދިވެހިރާއްޖޭގައި ހުރި ހުރިހާ ޖަމްޢިއްޔާތަކެއްގެ ނަންބަރު އަދަދު ކިޔައިލާފައި އެ ބޭފުޅުންގެ ނަންމަތީގައި ގްރާންޓް ހޯދަނީ، އެހެންނަމަވެސް، އޭގެ ފައިދާވަނީ ހަމަ އެއް ބަޔަކަށް ވަކިން ތިބެގެން، އިންތިޚާބުތައް މިހިސާބަށް އަންނައިރުގައި ކައުންސިލުގައި އަޅުގަނޑުމެން ތިބެގެން އަޅުގަނޑުމެން މި ނިންމަނީ، މާދަމާ އަޅުގަނޑުމެން އިންތިޚާބު
ވިންކުރެވޭނީ ކިހިނެއްތޯ. އެ ފޯމިއުލާއަކީ ކިހިނެއްތޯ. އެ މަގުން އަޅުގަނޑުމެން މިއަދު މި ނެރެނީ، މިއަދު ތިބި އެސޯސިއޭޝަންތަކުން މި ނެރެނީ، ވޯޓުލެވޭނީ މިވެނި ގޮތަކަށް. އެހެންވީމާ، މީގެ ބަދަލުގައި އަޅުގަނޑު ގަބޫލުކުރަން ހަމަ ޙަޤީޤަތުގައި ވެސް އެބަޖެހޭ މި ކަންތައްތައް ރަނގަޅުކުރެވޭނީ ކިހިނެއްތޯ. ދިވެހިރާއްޖޭގައި ހުރި ހުރިހާ ކުޅިވަރު ޖަމުޢިއްޔާތަކަށް މި ފުރުޞަތު ހޯދޭނީ ކިހިނެއްތޯ.''

ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ އެ ޖަމުޢިއްޔާތަކުގެ އަސާސީ ގަވާއިދުތައް ހަރުދަނާކުރުމަކީވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، ވަކި އުސޫލެއްގެ ތެރެއިން އަސާސީ ގަވާއިދުތަކާއި ހިންގާ ގަވާއިދުތަކަށް ބަދަލުގެނެވި، އެއް އުސޫލެއްގެ ތެރެއިން އެކަން ކުރެވެންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރަށްވާ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރުން ގާނޫނަކުން ކޯޕަރޭޝަނެއް ހަދާފައި ހަމައެކަނި
ދޫކޮށްލިޔަކަސް ނުވާނެ ކަމަށާއި، ސަރުކާރުން ކޯޕަރޭޝަނެއް ހަދާފައި، ހަމައެކަނި ސަރުކާރުގެ ޕްރޮޖެކްޓް ހިންގަން ބާއްވާ
ކޯޕަރޭޝަނަކަށް އެ ކޯޕަރޭޝަން ހަދައިގެން ވެސް ކަމަކުނުދާނެ ކަމަށެވެ. އަދި ދައުލަތަކުން އަމިއްލަ މީހުންގެ މަސައްކަތްތަކުގެ ތެރެއަށް ސަރުކާރުގެ އެފަދަ ކޯޕަރޭޝަންތައް ވަންނަން ނުޖެހޭކަން ފާހަގަ ކުރަށްވާ އޭނާ ވިދާޅުވީ، އޭގެ ބަދަލުގައި ފެނިގެންދަނީ، ސިފްކޯއިން ވެސް، ޕޮލްކޯ އިންވެސް އާންމު ރައްޔިތުންގެ މަސައްކަތުގެ ތެރެއަށް ވަންނަ ތަން ކަމަށެވެ.

''ދެން ހަމައެކަނި ދައުލަތުން، އަނެއްކާ ސްޕޯޓްސް ކޯޕަރޭޝަނެއް ހަދާފައި އެ މީހުންނަށް ހަމައެކަނި ސަރުކާރުގެ ޕްރޮޖެކްޓް ހިންގަން ދީގެން ތިބޭކަށް އެއީކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. އޭގެ ބަދަލުގައި އެ މީހުންނަށް ޒިންމާތަކެއް އެބަ އިތުރުކުރަންޖެހޭ، އެ މީހުން ކީއްތޯ ކުރާނީ، ރަށްތަކުގައި ހުރި ކުޅިވަރު މައިދާންތަކަށް އެ މީހުން ކޮން އިންވެސްޓްތަކެއްތޯ ކުރާނީ، ހަމަޖެހޭ އުސޫލަކުން އެކަން ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން މި ބިލުގެ ތެރެއިން ކަންތައްތައް ބައްޓަންކުރަންޖެހޭ ކަމަށް ހަމަ ފާހަގަކުރަން.''

ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވަނީ އޭނާ އެބިލަށް ވަރަށް ބޮޑަށް ތާއީދު ކުރަށްވާ ކަމަށް ވެސް ވިދާޅުވެފައިއެވެ. އެ ބިލުގައި ގިނަ ރަނގަޅު ކަންތަތަކެއް ހުރިއިރު ކަންބޮޑުވާންޖެހޭ ބައެއް ކަންކަންވެސް ހުރިކަން އޭނާ ފާގަކުރެއްވިއެވެ. އެ ބިލުގެ މަސައްކަތް ކޮމެޓީ މަރުހަލާ ނިންމާ ތަޅުމަށް އަންނައިރު އެކަންކަން ރަނގަޅުކުރެވޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.