ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ތޫފާނަކަށް ބަދަލުވެފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ކުރިން ލަފާކޮށްފައި ވަނީ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނީ މާދަމާ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ދެންމެ މެޓް އޮފީހުން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުއިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރުގައި ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މިހާރު ވަނީ ތޫފާން "ބުރެވި" އަށް ބަދަލުވެފައިކަމަށެވެ.
އަދި އެ ތޫފާން ހުޅަނގަށް ދަތުރުކޮށް 2 ޑިސެމްބަރުވާ ބުދަ ދުވަހު ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިއާ އައްސޭރިފަށާ ކައިރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ އެ ކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތައް ބަލަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ވެސް ވަނީ ކޮޅިގަނޑެއް އުފެދިފައެވެ. އެހެންކަމުން 2 ޑިސެމްބަރުވާ ބުދަ ދުވަހުގެ ހަވީރު/ރޭގަނޑުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނީ އެ ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ކުރާނެކަމަށް ބެލެވޭ އަސަރު އެ އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖު މެދުވެރިކޮށް އާންމުކުރަމުން ދާނެ ކަމަށެވެ.
ތޫފާން ބުރެވި އާއި ގުޅިގެން ލަންކާގައި ވަނީ ރަތް ސަމާލު ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!