ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި، ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމުން، އެ ސްލޮޓަށް ވަޒީރެއް އައްޔަނު ކުރުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ ކިބައިން ފެނިގެން ދިޔައީ ޤާސިމްގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތު އިސްކުރެއްވިތަން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ''ފަށާއިރު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އަބަދުވެސް ކަންކަން ނިންމަމުން ގެންދަވަނީ މަޝްވަރާ ކޮށްގެން ކަމަށާއި، އޭގެ ތެރޭގައި އެކީގައި ތިއްބެވި ފަރާތްތަކާއި ވަކިން ތިއްބެވި ފަރާތްތައް ވެސް ހިމެނޭނެ ކަމަށެވެ.

Ad
rt

ކޯލިޝަން ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރަށްވާ ވިދާޅުވީ ކެބިނެޓްގެ މަޤާމުތައް ބެހުމުގައިވެސް އެއްބަސްވުންތަކެއް ހުރިކަމަށެވެ. އަދި ކެބިނެޓުން ހުސްވި މަޤާމްތަކަށް ވަޒީރުން އައްޔަނު ކުރަށްވާފައިވަނީ އެހުސްވި ސްލޮޓެއް ނިސްބަތްވި ވުޒާރާއެއްގައި ހުރި މިނިސްޓަރަކު ހުންނެވި ޕާޓީއެއްގެ ލީޑަރާއި މަޝްވަރާ ކުރަށްވާފައި ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރ ސިދާތާ އިސްތިއުފާ ދެއްވުމުން އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާނާ މަޝްވަރާ ކުރެއްވިކަމަށާއި، ކުރީގެ ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވުމުން އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫނާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

''އެންމެފަހުން އަޅުގަނޑު ޓޫރިޒަމް މިނިސްޓްރީގެ ސްލޮޓަށް އައްޔަނުކުރީ ހަމަ ޖުމްހޫރީޕާޓީގެ ބޭފުޅެއް، ދެން އެންމެ ފަހުން މިދިޔައީ ހެލްތު މިނިސްޓްރީގެ ކަންތަކުގައި އެއީވެސް ޖުމްހޫރީޕާޓީގެ ސްލޮޓެއް، އެކަމާއި އަޅުގަނޑު އޮނަރަބަލް ޤާސިމާއި މަޝްވަރާކުރިން، ޤާސިމް ބޭނުންފުޅުވެވަޑައިގަތީ ޖުމްހޫރީޕާޓީގެ ބޭފުޅަކަށް އެ ސްލޮޓްދެއްވަން، އަޅުގަނޑަށް ނަންތައްވެސް ފޮނުއްވި، ދެން ފޮނުވީމާ އަޅުގަނޑު އަނެއްކާވެސް ޤާސިމާ ވާހަކަ ދެއްކީ އަޅުގަނޑު ދެންނެވިން އަޅުގަނޑަށް މި ފުރުޞަތު މިފަހަރު ދޫކޮށްލަ ދެއްވާށޭ،''

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ ވަރަށްކައިރިން ބަލައިގެން ބަދަލުތަކެއް ގެންނަންޖެހޭ ދާއިރާއެއް ކަމަށާއި، އެހެންކަމުން އެމަނިކުފާނަށް އެވުޒާރާއަށް ވަޒީރަކު އައްޔަން ކުރުމަށް ''ޗޮއިސްއެއް ނަގަން އަޅުގަނޑަށް ދެއްވާށޭ،'' ޤާސިމަށް ދެންނެވި ކަމަށެވެ. '

'ވިދާޅުވި ތިމަންނަ ބޭނުންވަނީ ޤައުމުގައި ހުރިކަންތައްތައް އިސްލާޙްކޮށް އަޅުގަނޑުމެންގެ މެނިފެސްޓޯ އެންމެ ރަނގަޅަށް އަޅުގަނޑަށް ތަންފީޒު ކުރެވޭގޮތަކަށް ކަންތައްތައް ރާވާށޭ، އެގޮތުން އަޅުގަނޑަށް ފެންނަ މީހަކު އެ މަޤާމަށް ގެންނަން ޤާސިމް ފުރުޞަތުދެއްވީ، އަޅުގަނޑުހިތުން ފެނިގެން ދިޔައީ އޮނަރަބަލް ޤާސިމް އިބްރާޙީމް އެބޭފުޅާގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތު އިސްކުރަށްވައި ޤައުމުގައި ހުރިކަންތައްތަކަށް އިސްކަންދެއްވި،''

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމަށްޓަކައި ޤާސިމަށް ޝުކުރުވެސް ދަންނަވާކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ރަނގަޅު ނަތީޖާއެއް ހާސިލްކޮށް، މަސައްކަތްތައް ހަލުވި ކުރުމަށް ގެންނަންޖެހޭ ބަދަލުތައް މަޝްވަރާއާއިއެކު ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.