ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރަށްވައިފި އެވެ.

މި މަޝްވަރާ ކުރަށްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަރުކާރުގެ ހެލްތު ކޮމިޓީގެ ބޭފުޅުންނާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

Ad
rt

ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުލާމުކުރުން ފިޔަވަހިތަކަށް ބަހާލައިގެން މަނާކުރުމަށް އެކަށައަޅާފައިވާ ޕްލޭންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ނައިބު ރައީސް ފައިޞަލް، ސާފުކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ހެލްތު ކޮމިޓީގެ ފަރާތުން ވަނީ، މި ޕްލޭނުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަންއެއް ހުށަހަޅުއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމާއި، މިކަމާ ގުޅޭ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިޞަލްއާއިއެކު އެ ކޮމެޓީން މަޝްވަރާކުރައްވާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ކެމްޕޭނެއް ހިންގުމާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމައި މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން އިތުރަށް ބުނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިޞަލް ވަނީ، މި ޕްލޭންގެ ދަށުން މި ވަގުތު ފެށެންހުރި މަސައްކަތްތައް ބައްލަވައި، އެ ކަންކަން ވީ އެންމެ އަވަހަކަށް ފެށުމަށް ހެލްތު ކޮމިޓީގެ މެންބަރުންނަށް އިރުޝާދު ދެއްވާފައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.