ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ބުއިމަށް ބޭނުންކުރާ ފެނުގައި ބެކްޓީރިއާ ހުރުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް ގެނައުމުންވެސް އެކަން ހައްލުކޮށްފައި ނުވާކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަށުން ހިނގަމުންދާ ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ބޭނުންކުރަމުންދާ ފެނާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)އިން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރި ފޮލޯއަޕް ޒިޔާރަތުގައި އެކަސްޓޯޑިއަލުގައި ބަންދުކުރެވިފައިވާ ފަރާތްތައް ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެން ތަޙްލީލުކޮށްފައިވާކަމަށެވެ.

Ad
rt

އެ ކަސްޓޯޑިއަލުގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް "ކޮލިފޯމް (ބެކްޓީރިއާ)" ހުރިކަން ފާހަގަކުރެވިފައިވުމުގެ އިތުރުން، އެ ފެނަކީ ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއްކަމާއި، އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއްނޫންކަމަށާއި ފެން ބޭނުންކުރުމުން ހަމުގެބަލިފަދަ ބަލިތައްޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކަމާގުޅޭ މާހިރުން ދެއްވާފައިވާ ފަންނީ ލަފާއިން ކޮމިޝަނުގެ ސަމާލުކަމަށް އެކަން އައިސްފައިވޭ،

އެޗްއާރުސީއެމް ގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުންނާއި، ދިވެހިރާއްޖޭން ތަސްދީގުކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ ސާފު ބޯފެން ލިބުމުގެ ޙައްޤާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދެވޭކަން ކަށަވަރުކުރުމުގެގޮތުން، ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައި ތިބޭ ފަރާތްތަކަށާއި ދޫނިދޫގައި މިފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް މިފެން ފޯރުކޮށްދިނުން ހުއްޓާލާ، ބަންދުގައި ތިބޭ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ސާފު ބޯފެން ފޯރުކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމުތަކުގެ ތަފްސީލް 72 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރުމަށް 27 އޮކްޓޫބަރު 2020 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައި ވާކަމަށެވެ.

އަދި އެ އެންގުމާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވާނެ ކަމަށް އެޗްއާރުސީއެމްއިން ބުނެފައި ވެއެވެ.

''އެހެން ނަމަވެސް، 02 ނޮވެމްބަރު 2020 ވަނަ ދުވަހު ކޮމިޝަނުން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް ބެލިބެލުމުން އެތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމާއި ވަގުތުން ވަގުތަށް ބަދަލެއް
ގެނައުމަށް އެކަށީގެންވާ މަސައްކަތެއްކޮށްފައި ނުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ.''

އެޗްއާރުސީއެމް ގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމުން ބުނީ އެބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައި ތިބޭ ފަރާތްތަކަށާއި ދޫނިދޫގައި އެ ފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.