ފަޚުރުވެރި ކިއުބާ ދަތުރުފުޅު ލިޔެލަން ޖެހެނީ ރަން އަކުރަކުންނެވެ. ދިވެހީންގެ ފަޚުރުވެރި ތާރީޚުގައި އެ ޝަރަފުތައް އަބަދުވެސް ވިދާ ބަބުޅާނެއެވެ.

މަޝްހޫރު ޅެންވެރިޔާ އަލްމަރުޙޫމް ހޯރަފުށީ އާދަމް ސަލީމް އެ ދަތުރުފުޅަށް ހެއްދެވި ޚާއްޞަ ޅެން ފައްޓަވާފައިވަނީ މި ތަޢުރީފުންނެވެ. މުޅި ދަތުރުފުޅު ފެށުނީއްސުރެ ނިމެދެން ފަށުވި ރީތި ޢިބާރާތްތަކުން ގަތާލައްވާފައިވާލެއް ފުރިހަމައެވެ. ހަމައެހެންމެ އަލްމަރުޙޫމާ ހޯރަފުށީ ފަރީދާ މުޙައްމަދު ފުޅުގެ ރީތި އޮމާން ހިތްގައިމު އަޑުން އެ ޅެން ވިދާޅުވެފައި އޮތް ގޮތުން އެ މުހިންމު ދަތުރުފުޅު ހީވަނީ ކުރިމަތިން ފެންނަމުން، ތަމްސީލުވަމުން ދާހެންނެވެ.

Ad
rt

އެއީ، 1979 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 3 އިން 9 އަށް ކިއުބާގެ ވެރިރަށް ހަވާނާގައި ބޭއްވި ވަކިފަރާތަކަށް ނުޖެހޭ ހަރަކާތުގެ 6 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައި ގެންނެވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ތާރީޚީ ދަތުރުފުޅެވެ. އެ ދަތުރުފުޅުގެ ތެރޭގައި ލީބިޔާއަށާއި ކުވޭތަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ސްރީލަންކާއާއި ޕާކިސްތާނާއި ކެނެޑާއާއި އެމެރިކާއާއި ފްރާންސާއި އިންޑިއާއަށް ވެސް ވަޑައިގެންނެވިއެވެ. ރައީސް މައުމޫނުގެ އަރިހުގައި މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލާއި މިނިސްޓަރ އޮފް އެޑިއުކޭޝަން އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިނާއި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް މުޙައްމަދު މުޞްޠަފާ ޙުސައިނާއި އޭޑީސީއެއްގެ ގޮތުގައި ފަސްޓް ލެފްޓިނަންޓް އަންބަރީ ޢަބްދުއްސައްތާރު ބައިވެރިވެވަޑައި ގެންނެވިއެވެ. އެޑިއުކޭޝަން މިނިސްޓަރާއި ހެލްތު މިނިސްޓަރު ވަޑައިގެންނެވީ ހަމައެކަނި ލީބިޔާއާ ހަމައަށެވެ.

ކިއުބާ ކޮންފަރެންސްގައި ބައިވެރިވެވަޑައި ގެންނެވުމަށް ކިއުބާގެ ރައީސް ފިޑަލް ކާސްޓްރޯ ދެއްވި ދައުވަތަށް ރައީސް މައުމޫން ދެއްވީ ޢަމަލީ އިޖާބައެކެވެ. ދަތުރުފުޅަށް އެރުއްވުމުގެ ކުރިން ދަތުރުފުޅާ ބެހޭ މަޢުލޫމާތު ރޭޑިއޯއާއި ޓީވީ މެދުވެރިކުރައްވައި މުޅި ދިވެހި އުންމަތަށް އިޢުލާންކޮށް ދެއްވިއެވެ. އެވަގުތު އެ އަޑުފުޅުން ނުހަނު ބޮޑު ތަސައްލީއެއް ކޮންމެ ދިވެހި ދަރިއަކަށް ލިބިގެން ދިޔައެވެ. ލޯބިވާ ވަޠަނާ ވަކިވެވަޑައިގަތުމުގައި ހުރި އަސަރު އެ ލޯބި މާތް އަޑުފުޅާއި ވާހަކަފުޅުން ސާބިތުވިއެވެ. ދަތުރުފުޅުގައި ހިމެނޭ ބައެއް ފައިދާތަކާއި މުހިންމުކަން، އިތުރު ތަފްސީލާއާއެކީގައި ބަޔާންކުރެއްވިއެވެ. އަޙްކަމާއި އުޙުއްވަތާއި ޤައުމީ ތަރައްޤީއާގުޅޭ ފަޚުރުވެރި އިރުޝާދުތައް އެ ވާހަކަފުޅުގައި ހިމެނުނެވެ. އެ ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އެންމެ އިސްވެރިޔަކު މިފަދަ ބޮޑު ޖަލްސާއަކަށް ޙާޟިރުވެވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ.

ދަތުރުފުޅު ފެށްޓެވީ ވައިގެމަގުން ހުޅުލެއިން ސްރީލަންކާއަށެވެ. ކޮޅުބު އެއަރޕޯޓުގެ ވީއައިޕީ ލައުންޖުގައި ގަޑިއެއްހާއިރު ހޭދަކުރެއްވުމަށްފަހު ވަޑައިގެންނެވީ ޕާކިސްތާނުގެ ކަރާޗީއަށެވެ. ކަރާޗީގައި ތިބި ދިވެހި ކިޔަވާ ކުދިންނާ އެރޭ ބައްދަލުކުރެއްވިއެވެ. ކަރާޗީން ވަޑައިގަތީ ލީބިޔާގެ ވެރިރަށް ޓްރޮޕޮލީއަށެވެ. އެއީ 1979 އޮގަސްޓްމަހުގެ 29 ވަނަ ދުވަހެވެ. އެއީ ލީބިޔާގެ އެންމެ ބޮޑު ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ލީބިޔާގެ ރައީސް ކާނަލް މުޢައްމަރުލް ޤައްޒާފީ ދެއްވި ވަކި ޚާއްޞަ ދައުވަތަކަށް ޓަކައެވެ. އެއީ ކާނަލް ޤައްޒާފީ އިސްވެ ހުންނަވައި 1969 ސެޕްޓެންބަރު 1ގައި ގެންނެވި ރިވޮލިއުޝަނަށް 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ކުލަ ގަދަ ރަސްމިއްޔާތެވެ.
ލީބިޔާއިން ރައީސް މައުމޫނަށް އެންމެ ފުރަތަމަ ޚައިރުމަގުދަމް (މަރުޙަބާ) ދެންނެވީ ލީބިޔާގެ ރައީސް ކާނަލް ޤައްޒާފީއެވެ. ދެން އެއަށްފަހު ފެންނަމުން، އެނގެމުން ދިޔަ ކަންތައްތަކުން ލިބިގެން ދިޔައީ ބޮޑު އުފަލެކެވެ. މަރުޙަބާއާއި ތަހުނިޔާ އަރިއަހަށް އޮހެމުން ދިޔަހިނދު ދިވެހި އުންމަތް ވެސް ދިޔައީ ފަރިވަމުން ފޮޅެމުންނެވެ. ދިވެހި ޤައުމީ ދިދަތަކާއި ޤައުމީ ސަލާމުގެ ރާގު ދިވެހި ޤައުމުގެ ލީޑަރުގެ ޝަރަފާވަނީ ގުޅާލެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރެއް އެ މަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. ކާނަލް ޤައްޒާފީގެ ފެހި އިންޤިލާބަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ އެ ކުލަ ގަދަ ރަސްމިއްޔާތުގައި ރައީސް މައުމޫނު ފެނިގެން ދިޔައީ މިސްރުގެ އަސްކަރީ ކޮމާންޑަރ ސާދު އަލް ޝާޒްލީއާއި ސީރިއާގެ ރައީސް ޙާފިޒުލް އަސަދާއި، ދެކުނު ޔަމަނުގެ ލީޑަރ ޢަބްދުލްފައްތާޙު އިސްމާޢީލާއި ޖޯޑުންގެ ރަސްގެފާނު ކިންގު ޙުސައިން ފަދަ ޤާއިދުންނާއެކުގައެވެ.

31 އޮގަސްޓް 1979 ވީ ހުކުރު ދުވަހެވެ. އޭރު ލީބިޔާގައި އޮތް އެންމެ ބޮޑު އެއަރ ބޭސް ކަމުގައިވާ "އަޤީބާ ބުނު ނާފިޢު" އެވެ. ލީބިޔާގެ އަސްކަރިއްޔާގެ އެއްގަމާއި ކަނޑާއި ވައިގެ ޑިފެންސް ކޮލެޖުތަކުގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތެވެ. އެ ރަސްމިއްޔާތުގައި ދަސްވެނިންނަށް ލިޔުން ހަވާލު ކުރެއްވީ އެކިއެކި ޤައުމުތަކުގެ ލީޑަރުންނެވެ. ދިވެހިރާއްޖޭގެ ލީޑަރުގެ އަތްޕުޅުން ލިޔުމާއި އިނާމު ދެއްވީ އެއަރފޯސްގެ ޕައިލެޓުންނަށެވެ. މި ދަތުރުފުޅުގައި ލީބިޔާއިން ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް "އަލްފާތިޙުލް ޢަޟީމް"ގެ މެޑެލް (ދަ ގްރޭޓް ކޮންކަނަރ) އެރުވިއެވެ. ކާނަލެއްގެ އަތްޕުޅުން ފާތިޙެއްގެ މެޑެލް ދެއްވުމުގެ މާތް މައުނަވީ އުފަލާއި ޝަރަފު އެ ދަތުރުފުޅުން ރައީސް މައުމޫން ހާސިލުކުރެއްވިއެވެ.

ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ ވެރީންގެ ސަމިޓުގައި ބައިވެރިވެރިވެވަޑައި ގެންނެވުމަށް ލީބިޔާއިން ކިއުބާއަށް ފުރާވަޑައިގެންނެވީ 2 ސެޕްޓެންބަރު 1979 ގައެވެ.
ކިއުބާއިން ރައީސް މައުމޫނަށް މަރުޙަބާ ވިދާޅުވީ އެ ޤައުމުގެ ރައީސް ފިޑަލް ކާސްޓްރޯގެ އެއްވަނަ ނާއިބު ރައުލާ ކާސްޓްރޯލެވެ. އދ.ގައި ހުންނަވާ ދިވެހި ދައުލަތުގެ ދާއިމީ ވަކީލު އަލްފާޟިލް އަޙްމަދު ޒަކީއާއި ކައުންސެލަރ އަލްފާޟިލް ޙުސައިން ޙިލްމީ ވެސް އެއަރޕޯޓަށް ވަޑައިގެން ތިއްބެވިއެވެ. ކިއުބާއިން ދެންނެވި ހޫނު ތަރުހީބާއެކީ ދެއްވި މޮޅު ޢިއްޒަތް އެ ރަސްމިއްޔާތުގައި ރަމުޒުވެގެން ދިޔައެވެ. ދިވެހި ދިދައާއި ދިވެހި ޤައުމީ ސަލާމް އިވިފެނިދިޔަ ހިނދުން ދިވެހިތާރީޚުން އިތުރު ޞަފުޙާތަކެއް ދިޔައީ ފުރެމުންނެވެ. ގާޑް އޮފް އޮނަރ އިންސްޕެކްޓްކޮށް ދެއްވި ހިނދު، އެތަނުގައި ތަމްސީލުވެ ދުނިޔެ ދެކެމުން ދިޔައީ ޤާއިދުގެ ތަޤްދީމް ތަޝްރީފެކެވެ.

ކިއުބާ ކޮންފަރެންސަކީ ސަތޭކައަށްވުރެ ގިނަ ޤައުމުން ބައިވެރިވި ބޮޑު ޖަލްސާއެކެވެ. ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެ ކިތަންމެ ކުޑައަސް އެ ބޮޑު ޖަލްސާގައި ދިވެހި ޤައުމުގެ އަޑު އިވިގެން ދިޔައެވެ. ކިއުބާގެ ލީޑަރ ފެޑަލް ކާސްޓްރޯލާއި އިންޑޮނޭޝިއާގެ ނާއިބު ރައީސް އާދަމް މާލިކާއި ޕާކިސްތާނުގެ ބޮޑު ވަޒީރު މުޙައްމަދު ޒިޔާއުލްޙައްޤުފަދަ ދުނިޔޭގެ އެތައް މުހިންމު ލީޑަރުންނެއް އެ ޖަލްސާގައި ބައިވެރިވެވަޑައި ގެންނެވިއެވެ. ކޮންފަރެންސަށް ދިވެހި ލީޑަރު ދެއްވި މޮޅު ތަޤުރީރަށް ކޮންފަރެންސްގެ ހިތްތަކާއި ލޯތައް ސަމާލުވެގެން ދިޔައެވެ.

އެ ވާހަކަފުޅުތަކުން ދިވެހި ޤައުމުގެ ރީތި ނަން މުޅި ދުނިޔެއަށް ފެނިގެން ދިޔައެވެ. ފަލަސްތީނާއި ވިއެޓްނާމާއި މެދުއިރުމައްޗާއި މިޞްރުފަދަ އެކި ތަންތަނަށް ދިވެހީން ވިސްނަމުން ދާކަން ބަޔާންވެގެން ދިޔައެވެ. އޭގެ އިތުރަށް ދުނިޔެ ކުޅެމުންދިޔަ ސިޔާސީ ރޯލުތައް އެރޭގެ ތަޤްރީރުން ނުހަނު އަސަރާއެކު އިވިގެންދިޔައެވެ. ކެރިވަޑައިގަތުމާއެކީ

ތަންޤީދުތައްކޮށްދެއްވަމުން ޙުރުމަތާއެކު ވާޖިބު އަދާކޮށްދެއްވިއެވެ. ދިވެހި މުސްލިމު ވެރިކަމުގައި މާޒީވި ދިހަ ގަރުނުގެ ދުލުން ދިވެހި ޤައުމުގެ އަދުގެ ވެރިޔާއަށް ސަނާ ކިޔޭނެއެވެ. މަންޒަރަށް ހަމައެކަނި ވިސްނާލެއްވެވުނު ނަމަވެސް އެރޭ ރަންކަމެއް ޤައުމަށް ލިބިއްޖެޔޭ ޤައުމު ކިޔާނެއެވެ. އެއީ މިފަދަ މަތީ ފެންވަރުގެ ޖަލްސާއެއްގައި ދިވެހި ޤައުމުގެ އެންމެ އިސްވެރިޔަކު ދެއްވި އެންމެ ފުރަތަމަ ތަޤުރީރެވެ. އިނގިރޭސި ބަހުން ދެއްވި އެ ތާރީޚީ ތަޤުރީރު ދެއްވީ ސެޕްޓެންބަރުމަހުގެ 7 ވަނަ ދުވަހުގެ ރެއެވެ.

ކިއުބާ ކޮންފަރެންސް ނިންމާލެއްވުމަށްފަހު ސެޕްޓެންބަރު 8 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވިއެވެ. ނިއުޔޯކަށް ވަޑައިގެންނެވީ ކެނެޑާގެ ޓްރޮންޓޯއިންނެވެ. ރައީސް މައުމޫނުގެ މި ތާރީޚީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވި މަގުމަތީގައި ފަރަންސޭސިވިލާތުގެ ޕެރިހުގައި މަޑުކޮށްލެއްވިއެވެ. ނުރަސްމީ ދަތުރުފުޅެއް ނަމަވެސް ޕެރިހުން އެމަނިކުފާނަށް ދެންނެވީ ރަސްމީ މަރުޙަބާއެކެވެ. ސެޕްޓެންބަރު 14 ވަނަ ދުވަހު ޕެރިހުން ވަޑައިގެންނެވީ ކުވޭތަށެވެ. ކުވޭތިގެ އަމީރު ޝައިޚް ޖާބިރު އަޙްމަދު އައް ޞަބާޙު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ މި ދަތުރުފުޅުގައި ބައްދަލުކުރެއްވިއެވެ. ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަށް ރީތިކޮށް ބައްލަވާލެވި ނަމަވެސް ފެންނަމުން ދިޔަ ކުލަތަކުން ވަޠަނަށް އުފާ ލިބޭނެއެވެ. ކުވޭތުގެ އެންމެ އިސްވެރިޔާ ދެއްވި ތަރުހީބަށްޓަކައި އެންމެހާ ދިވެހީންގެ ތަޢުރީފު އަދާވާނެއެވެ. ކުވޭތުން އިންޑިއާގެ ބޮންބޭއަށް ވަޑައިގެންނެވީ ސެޕްޓެންބަރު 18 ވީ އަންގާރަ ދުވަހުއެވެ. ބޮމްބޭއިން ވަޑައިގެންނެވީ މަދަރާސީއަށެވެ. މަދަރާސީ ސްރީލަންކާގެ ކޮޅުބަށެވެ. 25 ދުވަސް ހޭދަވި މި ކުލަގަދަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ 22 ސެޕްޓެންބަރު 1979 ގައެވެ.

"ޤައުމަށާއި ޤައުމުގެ ޒަޢީމަށް ހެޔޮ ނަސީބާ ހެޔޮ ދުޢާ
ޤައުމު ދެމިއޮތް ހާ ހިނދަކު ޤައުމަށް ނުދެންނެވިދާށިތޯ
ފަޚުރުވެރި ކިއުބާ ދަތުރުފުޅު ރަން އަކުރަކުން ނުލިޔެވޭތޯ
ފަޚުރުވެރި ތާރީޚުގައި އެ ޝަރަފުތަކެއް ވިދަމުން ނުދޭތޯ"

ނޯޓް: މި ލިޔުމަކީ އަލްމަރުޙޫމް ހޯރަފުށީ އާދަމް ސަލީމް ހައްދަވާފައިވާ "ފަޚުރުވެރި ކިއުބާ ދަތުރުފުޅު" މި ޅެމުގެ އަދަބީ އެމުނިއެކުލެވުންތައް ހިމަނައިގެން ލިޔެފައިވާ ލިޔުމެކެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.