މޫދުގައި މީހަކު މަރުވެފައި އޮއްވާ ހާދިސާއާއި ގުޅޭ މައުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފުލުހުން މިރޭބުނެފައިވަނީ އައިޖީއެމްއެޗާ ދިމާލު މޫދު އަޑީގައި މީހަކު މަރުވެފައި އޮއްވާ ފެނުނު ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ މިހާކު ނުވަތަ ބަޔަކު ވޭތޯ ބެލަށް ބޭނުންވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ އައިޖީއެމްއެޗް ސަރަހައްދާ ދިމާލު މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން އޮކްޓޯބަރު މަހުގެ 22 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ އެފަރާތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން އެފަރާތުން ބޭނުންވާކަމަށެވެ.
ވީމާ، ދެންނެވުނު ގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ މަރުގެ މިހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެވުން އެދެމެވެ.
ފުލުހުން މިރޭ ހިއްސާ ކުރި ނޯޓެއްގައި ބުނެފައިވެއެވެ.
ފުލުހުން މިރޭ ބުނެފައިވަނީ އޭނާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި ކަމަށެވެ.
އުމުރުން 31 އަހަރުގެ އެ ފިރިހެން މީހާގެ ހަށިގަނޑު ފެނުނީ، އައިޖީއެމްއެޗާ ދިމާ ބޭރުގައި މޫދުން މިއަދު ހެނދުނު 10:40 އެހާކަންހާއިރު އެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ، ފީނަން ގޮސް އުޅުނު ބަޔަކަށެވެ. އިރުއޮއްސި ހަތެއް ޖެހުމާ ހަމައަށް އެމީހާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗުގަ އެވެ.
އޭނާގެ ހަށިގަނޑުގައި ސީރިއަސް ޒަހަމްތަކެއް ހުރި ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، އެކަމާ ގުޅޭ ތަފްސީލެއް ފުލުހުން ނުބުނެ އެވެ. އެ މީހާ ފެނުނު އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެ އެވެ. އަދި އެކަންތައްތައް ފާހަގަކޮށް، އޭނާގެ އާއިލާއިން ވަނީ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!