އަންނަ މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ނައިބު ރައީސުންގެ ބަހުސްގައި ނައިބު ރައީސުންނަށްވުރެ ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، މިހާރުގެ ނައިބު ރައީސް މައިކް ޕެންސްގެ ބޮލުގައި ޖެއްސި މެއްސެކެވެ.

ނައިބު ރައީސުންގެ ކޯޅުމަށް ކެތްމަދުވެފައި ތިބި އެތައްބަޔަކަށް، މި މެހީގެ ސަބަބުން ވީ މުޅިން މަޖާ ކަމަކަށެވެ. އަދި ބަހުސް ފެށިތާ މާގިނަ އިރު ތަކެއް ނުވެ، އެ މެހިވަނީ ޕެންސްގެ ހުދު ބޮލުގައި ޖައްސާ އުދުހި ނުގޮސް އެތައް އިރަކު އިނދެފައެވެ. މިއާއި އެކު، ގިނަ ބެލުންތެރިންނަށް ޕެންސް ދެއްކި ވާހަކައަށްވުރެ ސަމާލުކަން ދެވިފައިވަނީ، ޕެންސްގެ ބޮލަށް ސަވާރުވެގެން އިން މެއްސަށެވެ.

Ad
rt

ގިނަ ބަޔަކު ދެކޭ ގޮތުގައި، މި މެއްސަކީ ގިނަ ބަޔަކު މި ބަހުސް އިތުރަށް ބެލުމަށް މަގުފަހިވި ކަމެކެވެ. އަދި ގިނަ ބަޔަކު ތިބީ އިގްތިސާދީ ސުވާލުތަކަށް ނައިބު ރައީސްގެ ޖަވާބުތަކާއި ހެދި މުޅިން ފޫހިވެފައެވެ.

"މި މެހި ބަހުސް އިން މޮޅުވެއްޖެ" އޮރޭގަންގެ ލިޔުންތެރިޔާ ޖޯން ޑަންކަންގެ ޓްވީޓުގައިވެއެވެ. އަދި މީގެ އިތުރުން މީސް މީޑިޔާ ބަންޑުން ވެފައިވަނީ، މި މެހީގެ ހެއްވާ މަޖާ ޖޯކުތަކުންނެވެ. ނޫސްތަކުގެ ފަލަ ސުރުޚީއިން މި މެހިވަނީ ޖާގަ ހޯދާފައެވެ.

މަދު ވަގުތު ކޮޅަކަށް މެހި ޕެންސްގެ ބޮލުގައި ޖައްސާފައިވީ ނަމަވެސް، އެ މެހީގެ ވާހަކަތައް ދިޔައީ މުޅި ދުނިޔޭގައި ފެތުރެމުންނެވެ. އަދި މި މެހީގެ ނަމުގައި މީސް މީޑިޔާގައި ވަނީ ގިނަ ގުނަ އެކައުންޓްތަކެއްވެސް ހަދާފައެވެ.

ކޮންމެއަކަސް، އެމެރިކާއަށް ކިތަންމެ މުހިންމު ބަހުސްއެއް ކަމުގައި ވީ ނަމަވެސް، މި މެއްސަކީ މި ބަހުސް ކާމިޔާބު ކުރި ފަރާތްކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. މި ބަހުސްއަށްފަހު ގިނަ ބަޔަކު ދެއްކީ ބަހުސްގައި ބައިވެރިވި ކެންޑިޑޭޓުންގެ ވާހަކައެއް ނޫނެވެ. ހަމަ އެންމެ މެއްސެއްގެ ވާހަކައެވެ.