ސްކޫލެއް މޮޅު ސްކޫލަކަށް ވަނީ އެ ސްކޫލެއްގައި ކިޔަވައިދޭ ހީވާގި މުދައްރިސުންގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި މުދައްރިސުންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ދެއްވި ވީޑިއޯ މެސެޖެއްގައި އެވެ.

Ad
rt

އެ މެސެޖުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ޤައުމެއް ކުރިއަރައި ދަނީ އެ ޤައުމެއްގައި އުފެދޭ ހަރުދަނާ ޤާބިލު ޖީލެއްގެ ސަބަބުން ކަމަށެވެ. އެފަދަ ޖީލެއް ބިނާ ކުރުމަށް އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ ހީވާގި މުދައްރިސުން ކަމަށެވެ.

'' މިކަން ހާސިލް ކުރުމަށްޓަކައި މުދައްރިސުން ރެޔާއި ދުވާލު ކުރާ މަސައްކަތްތަކަކީ އަޅުގަނޑުމެންނަށް އަގު ކުރެވޭނެ މަސައްކަތްތަކެއް ނޫން''

ނައިބު ރައީސް ވިދާޅުވިއެވެ.

''ސްކޫލެއް މޮޅު ސްކޫލަކަށް ވަނީ އެތަނުގައި ހުންނަ އިމާރާތުގެ މޮޅު ކަމަކުން ނޫން އަދި އެ ސްކޫލެއްގައި ހުންނަ ވަސީލަތްތަކުގެ އަގު ބޮޑުކަމަކުންނެއް ވެސް ނޫން، ސްކޫލް މޮޅު ސްކޫލަކަށް ވަނީ އެ ސްކޫލެއްގައި ކިޔަވައިދޭ ހީވާގި މުދައްރިސުންގެ ސަބަބުން''

ނައިބު ރައީސް ފައިސަލް އިތުރަށް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިޞަލް ވަނީ ކޯވިޑް-19ގެ މި ޙާލަތުގައިވެސް ދަރިވަރުންނަށް ތަޢުލީމު އުނގަންނައި ދިނުމުގައި މުދައްރިސުން ކުރަށް އަގުހުރި މަސައްކަތް ފާހަގަ ކުރަށްވައި، މުދައްރިސުންނަށް، މުދައްރިސުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ ފޮނުއްވާފައެވެ.

އިއްޔެ އެދުވަހާއި ގުޅުވައިގެން ނައިބު ރައީސް ވަނީ މުދައްރިސުންނަށް ތަހުނިޔާ ކިޔުއްވައި، ޓުވީޓެއް ވެސް ކުރަށްވާފައެވެ.

އެ ޓުވީޓުގައި ނައިބު ރައީސް ފައިޞަލް ވިދާޅުވީ ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ދަރިވަރުން ހެދުމަށް މުދައްރިސުން ކުރަށްވާ ބުރަ އަދި މިންނެތް މަސައްކަތަކީ އެ މަސައްކަތުގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެ ފަދަ ޤައުމީ ޚިދުމަތްތަކެއްކަމަށް ކަމަށެވެ.