ދިވެހިރާއްޖޭގެ ޤައުމީ ދިދައިގައި އެންމެ ފުރަތަމަ ހަނދުފަޅި ހުރީ ދިދައިގެ ދަނޑިއާ ވީކޮޅަށެވެ. ދިދަ ދަނޑިއާ ދުރަށް ވާ ގޮތަށް ހަނދުފަޅީގެ ދެ ތުނޑު ހުންނަހެން ބަދަލުކުރެއްވީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަމާއެކުގައެވެ.

އޭގެފަހުން ދިދަ ބޭނުން ކުރަމުން އަންނަނީ މިހެންނެވެ. ގަނޑެއްގައި އަދި ތަނެއްގައި ނުވަތަ އެއްޗެއްގައި ދިދަ ކުރެހިޔަސް ކުރަހަނީ ހަނދުފަޅީގެ ދެ ތުނޑު ކުރަހާ މީހާ ނުވަތަ ބަލާ މީހާގެ ކަނާތް ފަރާތަށް ހުންނަ ގޮތަށެވެ. ޤާނޫނު އަސާސީގައި ވެސް ދިވެހި ޤައުމީ ދިދަ ވަނީ ކުރަހާފައެވެ. އެ ނަމޫނާގައި ފެންނަނީ ވެސް ބަލާ މީހުންގެ ކަނާތް ފަރާތަށް ހަނދުފަޅީގެ ދެ ތުނޑު ހުއްޓައެވެ. ނަމަވެސް ބައެއް ފަހަރު ހަނދުފަޅީގެ ދެ ތުނޑު އަނެއް ކޮޅަށް ހުންނަހެން ހީވާގޮތަށް ބައެއް ފޮޓޯތަކުން ނޫނީ ކުރެހުންތަކުން ނޫނީ ބޭނުންކުރަނިކޮށް ފެނެއެވެ. އެ ދިދަ ތަކުގައި ހަނދުފަޅީގެ ދެ ތުނޑު ހުއްޓާ ފެންނާނީ ބަލާ މީހުންގެ ވާތް ފަރާތަށެވެ. މިކަމާމެދު ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ.

Ad
rt

ފުރަތަމަ މި މައްސަލަ އަޅުގަނޑަށް ފާހަގަ ކުރެވެން ފެށީ ސިފައިންގެ ޔުނީފޯމުގެ ކޮނޑުމަތީގައި ދިދަ ޖަހަން ފެށުމާ އެކުގައެވެ. އޭރު ދިދަ ޖަހަނީ ޔުނީފޯމުގެ ކަނާތު ކޮނޑުގައެވެ. ދިވެހި ސިފައިން ނޫނަސް ކަނާތް ފަރާތު ކޮނޑުގައި ދިދަ ޖަހާ ވަރަށް ގިނަ ޤައުމުތަކުން ދިދަ ހުންނަނީ ކޮޅު އަނބުރައިލައިފައެވެ.

އެގޮތަށް ދިދަ ކޮޅު އަނބުރާލުމުން ދިވެހި ދިދައިގެ ހަނދުފަޅި ފެންނާނީ ވާތް ފަރާތަށް ހުއްޓައެވެ. މިއީ އެމެރިކާއާއި ދުނިޔޭގެ ކުރިއަރާފައިވާ ބައެއް އަސްކަރިއްޔާތަކަކުން ޢަމަލުކުރާ އުސޫލެކެވެ. މިގޮތަށް ދިދަ އަނބުރާލުމުން އެ ފެންނަނީ ސިފައިންގެ މީހާ ކުރިއަށް ހިނގާފައިދާއިރު ދިދަ ފަހަތަށް ވިހުރެމުންދާ ތަނެވެ. ނުވަތަ ދިދައިގެ އަނެއް ފަރާތެވެ.

އެމެރިކާ ސިފައިންގެ މީހެއް.

ދިދަ ދަނޑިއަކަށް ދިދަ ނަގައިގެން މާޗުކޮށްފައި ދާއިރު ވިހުރެމުންދާ ދިދައެއް ދިދަ ހިފައިގެން ހުރި މީހާގެ ކަނާތް ފަރާތުގައި ހުރެގެން ބަލައިފިނަމަ ފެންނާނީ އެގޮތަށެވެ. ފޮޓޯއެއް ނަގައިފިނަމަ އެ ފޮޓޯއެއްގައި ވެސް ހަނދުފަޅި ހުންނާނީ ފަހަތަށެވެ. ހަނދުފަޅި ހުންނާނީ ދިދަ ދަނޑިއާ ދުރަށެވެ. އެކަމަކު ހަމަ އޭނާގެ ވާތް ފަރާތުން ބަލައިފިނަމަ ދިދަ ފެންނާނީ ހަނދުފަޅީގެ ދެ ތުނޑު ކަނާތް ފަރާތަށްހުއްޓައެވެ.

🇲🇻⚔️♥️ ގައުމީ ސިޔާދަތައްޓަކާ ހިދުމަތްކުރަން ތިބޭނަމޭ

Posted by O Wazan on Friday, April 17, 2020

އުސޫލަކީ މިއީއެވެ. ކަނޑާއި އެއްގަމާއި ވައިގެ ބައެއް އުޅަނދު ފަހަރުގައި ވެސް ދިދަ ޖެހުމުގައި މި އުސޫލަށް ބައެއް ޤައުމުތަކުން ތަބާވެއެވެ. މާނައަކީ ކޮންމެފަރާތެއްގައި ދިދަ ޖެހިކަމުގައި ވިޔަސް ދިދައިގެ ފަހަތުކޮޅު ހުންނާނީ އެ އުޅަނދެއްގެ ފަހަތަށެވެ. ދަނޑީގައި ޖެހިފައި ހުންނަކޮޅު ހުންނާނީ ކުރިއަށެވެ. އެ ދިދައިން އެ ދައްކައި ދެނީ އެ ދިދަ ވިހުރެމުންދާ ކަމެވެ. ނޫނީ އެ ފަރާތުން ބެލީމާ ފެންނާނެ ގޮތެވެ.

މިކަން މިހެން އޮތަސް ގިނަ ބަޔަކަށް މި އޮޅުން އަރައި އަދި ސުވާލު އުފައްދަމުން ދަނިކޮށް ދިވެހި ސިފައިންގެ ޔުނީފޯމުގެ ކޮނޑުގައި ޖަހާ ޤައުމީ ދިދަ ޖަހާ ފަރާތް ދާދި ފަހުން ވަނީ ކަނާތް ފަރާތުން ވާތް ފަރާތަށް ބަދަލުކުރައްވާފައެވެ. މި ބަދަލު ގެންނެވުމުން ދިދައިގެ އެ މައްސަލަ ހައްލުވެއްޖެއެވެ.