ށ. ފޭދޫގެ ވަށައިގެންވާ ކަނޑޫ ގަސްތައް މަރުވަމުންދާ މައްސަލަ މީސް މީޑިއާގެ ސަމާލު ކަމަށް ގެނެސް، އެ މަސައްކަތަށް އިސްނެގި ށ. ފޭދޫ ޒުވާން ކަނބަލެއް ކަމަށްވާ އެރަށު ކޮޕީގެ އާގެ، އާއިޝަތު މުސްތަޤީމާއާއި އޭނާގެ ޓީމުން އަތުކުރި އޮޅާލައިގެން ތިބީ ރަށުގެ ކަނޑޫ ގަސްތައް ހިމާޔަތް ކުރުމަށް ކުރުވެންހުރި މަސައްކަތެއް ކުރުމަށެވެ.
ދެ ޖިންސްގެ ޒުވާނުން ހިމެނޭ، ފޭދޫގެ އެ ޓީމުން މިހާރު ވަނީ އެ ރަށުގެ ކަނޑޫ ގަސްތައް މަރުވާ މައްސަލަ، ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް މަސައްކަތްކުރާ "ސޭވް މޯލްޑިވްސް'' ހަރަކާތުގެ ސަމާލު ކަމަށް ވެސް ގެނެސްފައިއެވެ.
ކޯވިޑްގެ ހާލަތުގެ ސަބަބުން މަތީ ތަޢުލީމަށް ކިޔަވަން ރަށުން ބޭރުގައި ކުރިން ހުރި މުސްތަޤީމާ މިވަގުތު ހުރީ ރަށުގައެވެ. ގޭގައި މަންމަ ކަނޑޫ ކަށްކާތީ ރަށުގައި ހުންނައިރު އަބަދުވެސް މުސްތަޤީމާ މަންމައާއި އެކު ކަނޑޫ ފަލަށް ގޮސް އުޅެއެވެ.
މުސްތަޤީމާގެ ޓީމު، ފޭދޫ ކަނޑޫފާ ސަލާމަތް ކުރަން އަތުކުރި އޮޅާލާފައިhttps://t.co/hIUiu2iJKy pic.twitter.com/pwdgiLtoBi
— Thiladhun (@thiladhun) September 27, 2020
ގަސްތައް މަރުވެފައިވާ މަންޒަރުފެނި ހިތް ފަޅައިގެން ދާހާވި
މުސްތަޤީމާ މިއަހަރުގެ ޖުލައި މަހު ރަށުގައި ހުރިއިރު ވެސް ކަނޑޫފަލަށް ދިޔައެވެ. އެދުވަސް ވަރު ކަނޑޫ ގަސްތަށް ހުރީ ހަމަ ރަނގަޅަށެވެ. އެރަށުގެ ކަނޑޫ ގަސްތަކަށް މިހެން ދިމާވެދާނެ ކަމަށް ކުޑަކޮށް ވެސް ވިސްނާލެވިފައި ނެތަތީ، އެ ދުވަހު ގަސްތަކުގެ ފޮޓޯއެއް ވެސް ނަގާލަން މުސްތަޤީމާގެ ހިތަކަށް ނޭރިއެވެ.
މިހިނގާ ސެޕްޓެމްބަރު މަހު މެދެއްހާ ހިސާބު ރަށުތެރެއިން ފުރޭނިގެން މުސްތަޤީމާގެ ކަންފަތާއި ހަމައަށް ފޯރީ ރަށުގެ ކަނޑޫގަސްތައް ހިކެމުންދާ ޚަބަރެވެ. އެ ޚަބަރު ލިބުމުން މުސްތަޤީމާ ރަށުގެ ކަނޑޫ ގަސްތައް ބަލައިލަން ދިޔައެވެ.
'' ހަމަ ހުއްޓުން އެރި، ކީކޭ ބުނާނީ ހިތް ފަޅައިގެން ދިޔަ ކަހަލަ، ރަށުގެ ދެކުނު ކަނޑޫފަލުގެ ކަނޑޫ ގަސްތައް އެއްކޮށްހެން ހިކިފައި ހުއްޓައި ފެނުނީ، އެމަންޒަރު ފެނިފައި ވަރަށް ދެރަވި''
މުސްތަޤީމާ ބުންޏެވެ.
ފޭދޫ ކަނޑޫފާ: 2020 ޖޫން އަދި ސެޕްޓެމްބަރު މަހު ނަގާފައިވާ އެއް ސަރަހައްދެއްގެ ފޮޓޯއެއް
އެދުވަހުގެ އެ ހިތްދަތި މަންޒަރާއިއެކު، ކަނޑޫފަލުގެ ސަލާމަތަށް މުސްތަޤީމާ އިސްނެގީ އެކުވެރީންގެ ހިތްވަރު ދިނުމާއި އެކުއެވެ. '' އެކުދީން ބުނެފި މިހެން ނުތިބެ ހިނގާށޭ މިކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ފަށަން'' މުސްތަޤީމާ ބުންޏެވެ.
މުސްތަޤީމާގެ އެކުވެރީންގެ އެހީތެރިކަމާއިއެކު އެ ރަށުގެ މަރުވެ، ނެތިދާ ކަނޑޫ ގަސްތަކުގެ ފޮޓޯތައް މީސް މީޑިއާއަށް ދޫކޮށްލިއެވެ. މުސްތަޤީމާ ޓީމުގެ މަސައްކަތް ފެށުން އައީ އެހިސާބުންނެވެ.
މުސްތަޤީމާ ކަނޑޫފަލުގައި
ކުޅުދުއްފުށީ ''ބީލީފް'' ގެ އެހީގެ އަތެއް
ރަށުގެ ކަނޑޫފަލުގެ ސަލާމަތަށް މުސްތަޤީމާގެ ޓީމުން ފެށި މަސައްކަތަށް ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލައި، ކުރިއަށް ދެވޭނެ މަގު އަލިކޮށް ދިނީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ހދ. ކުޅުދުއްފުށީގެ ޖަމްޢިއްޔެއްޔާއެއް ކަމަށްވާ ''ބީލީފް'' އިންނެވެ.
'' ބީލީފްއިން އަފާ ބުނީ ތިކަމުގައި ކުރިއަށް ދެވޭނެ ގޮތް ހޯދައިދީފާނެ ކަމަށް، ކަނޑޫފާ ތަކާއި، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ސޭވް މޯލްޑިވްސް ހަރަކާތާއި ގުޅުވާލަ ދޭނަމޭ، ސޭވް މޯލްޑިވްސް ހަރަކާތާއި އަޅުގަނޑުމެން ގުޅުވާލަ ދިނީ ބީލީފް އިން'' މުސްތަޤީމާ ބުންޏެވެ.
މުސްތަޤީމާ ބުނީ އެރަށުގެ ކަނޑޫ ގަސްތައް މަރުވެފައި ވަނީ ހަމައެކަނި ދެކުނު ކަނޑޫ ފަލުން ނޫން ކަމަށެވެ. އެރަށުގެ އުތުރު ކޮޅުންވެސް ކަނޑޫ ގަސްތައް މަރުވާން ފަށާފައިވާ ކަމަށް މުސްތަޤީމާ ބުންޏެވެ.
މުސްތަޤީމާގެ ޓީމު މެންބަރެއް ކަނޑޫފަލުގައި
''ސޭވް މޯލްޑިވްސް'' ހަރަކާތާއިއެކު މިހާރު ވަނީ ދަތުރު ފެށިފައި
ކުޅުދުއްފުށީ ''ބީލީފު''ގެ އެހީތެރިކަމާއިއެކު، ރަށުގެ ކަނޑޫފާގެ ސަލާމަތަށް މުސްތަޤީމާގެ ޓީމުން ފެށި މަސައްކަތުން ''ސޭވް މޯލްޑިވްސް'' ހަރަކާތުގެ އެހީތެރިކަން މިހާރު އަންނަނީ ލިބެމުންނެވެ. ރަށުގެ ކަނޑޫ ގަސްތަކުގެ ހިމާޔަތަށް ޓަކައި، އެ ޓީމުން މިހާރު ވަނީ ''ސޭވް މޯލްޑިވްސް'' ހަރަކާތާއި ގުޅިގެން މަސައްކަތް ފަށައިފައެވެ.
'' ސޭވް މޯލްޑިވްސް ވަރަށް ހެލްޕްފުލް، ރިސޯސް ފޯރުކޮށްދީ، ޓެކްނިކަލް ސަޕޯޓް ދެމުންދަނީ، ކޯވިޑްގެ ދުވަސްވަރުވީމައި އެ ބޭފުޅުންނަށް މިވަގުތު އާދެވޭކަށް ނެތް، ނަމަވެސް ބޭރުގެ އެންޖީއޯތަކަށް މި މެސެޖް ފޯރުކޮށްދީފި މިހާރު'' މުސްތަޤީމާ ބުންޏެވެ.
މުސްތަޤީމާ ބުނީ އެ ކަމާއިގުޅިގެން އެރަށުގެ ''ފޭދޫ އެންވަޔަރްމަންޓް ޑިވްލޮޕްމަންޓް އެސޯސިއޭސަން''ގެ އެއްބާރުލުން ވެސް ލިބެމުން އަންނަ ކަމަށެވެ.
''އަޅުގަނޑުމެންގެ ޓީމު މިކަމާއި ގުޅިގެން މާދަމާ ރަށުގެ ކައުންސިލާއި ވެސް އެބަ ބައްދަލު ކުރަން، މިބަލަނީ އެ ޖަމްޢިއްޔާގެ ބޭފުޅަކުވެސް އެ ބައްދަލުވުމުގައި ބައިވެރި ކުރެވޭތޯ'' މުސްތަޤީމާ ބުންޏެވެ.

'' ސޭވް މޯލްޑިވްސް'' ހަރަކާތުން މަސައްކަތް ފަށައިފި
''ސޭވް މޯލްޑިވްސް'' ހަރަކާތުގެ ފަރާތުން އާދަމް އިޝާމް ބުނީ ށ. ފޭދޫ ކަނޑޫ ގަސްތައް މަރުވާ މައްސަލަ އެ ހަރަކާތުގެ ސަމާލު ކަމަށް ގެނައި ހިސާބުން މަސައްކަތް ފަށާފައި ވާކަމަށެވެ.
''އެރަށުގެ ޒުވާން ކަނބަލެއް އެކަން އަޅުގަނޑުމެންގެ ސަމާލު ކަމަށް ގެނައީ، އެ ހިސާބުން އަޅުގަނޑުމެންނާއި ގުޅިފައިވާ ބައިނަލް އަގްވާމީ ޖަމްއިއްޔާތަކުގެ ސަމާލުކަމަށް އެކަން ގެނެސްފިން، މި މަސައްކަތަށް އެ ފަރާތްތަކުގެ ޓެކްނިކަލް ސަޕޯޓް، އަދި އެހެނިހެން ސަޕޯޓްވެސް ލިބޭނެ'' އިޝާމް ބުންޏެވެ.
މިގޮތުން ފޭދޫ ކަނޑޫ ގަސްތައް މަރުވާ މައްސަލަ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އިޝާމް ބުންޏެވެ.
މީގެއިތުރުން ފޭދޫ ކަނޑޫފާ މަރުވާ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެންނަމުން، ''ސޭވް މޯލްޑިވްސް'' ހަރަކާތުން ބުނީ ފޭދޫގެ ކަނޑޫފާ މަރުވާ މައްސަލައަކީ އެ ހަރަކާތުން ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ ގިނަ ކަނޑޫފާތަކެއް މަރުވެ، ހަލާކުވާން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށޭނަ ދިރާސާކޮށް، ހަރުދަނާ ފިޔަވަޅުތައް އެޅުމަށް އެ ހަރަކާތުން ވަނީ ގޮވައިލާފައެވެ.

އެމަސައްކަތުގައި ފޭދޫ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެ
ފޭދޫގެ ނަލަނަލަ މަލަމަށްޗަށް ފުރިހަމަކަން ގެނެސްދޭ ކަނޑޫ ގަސްތައް މަރުވަމުން ދާތީ ފޭދޫ ކައުންސިލުން ވެސް ވަނީ ވަރަށް ކަންބޮޑު ވެފައެވެ. އެ ކައުންސިލްގެ ރައީސް މުހައްމަދު ސާމިރު ވިދާޅުވީ މިހާރު އެރަށުގައި ހުރި ކަނޑޫ ގަސްތަކުން 98 އިންސައްތަ ކަނޑޫ ގަސްތައް މަރުވެފައިވާ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށެވެ.
''މި ރަށަކީ ރަށުގެ ވަށައިގެން ކަނޑޫ ގަސްތައް ހުންނަ ރަށެއް، ހޭޅިފަށުން ފެށިގެން 100 ނޫނީ 150 ހިސާބުން ފެށިގެން ކަނޑޫ ގަސްތައް ހެދިފައި މި ހުންނަނީ، ބަޔަކު ހުޅުޖެހީމަ މަރުވެފަ ހުންނަހެން އެތައް ކަނޑޫގެހެއް މަރުވެފަ ހުރީ، ގަސްތައް ހިކެމުންދަނީ'' ސާމިރު ވިދާޅުވިއެވެ.
ސާމިރު ވިދާޅުވީ ކަނޑޫ ގަސްތައް މަރުވާ ވަކި ސަބަބެއް ދަންނަވަން ދަތި ކަމަށާއި، ކުރިއްސުރެ އެ ރަށަކީ އުދަ އަރާ ރަށަކަށް ވުމުން، މިހާރު ކަނޑޫ ގަސްތައް މަރުވަމުން ދަނީ މި ފަހުން އެރަށަށް އުދަ އެރުމުގެ ސަބަބުން ކަމަށް ދެންނެވެން ނެތް ކަމަށެވެ.
'' ވަރަށް ފަހުން މިރަށަށް އުދައެރި، ކުރިން ވެސް އުދަ އަރާފައި އެބަހުރި، ބައެއް މީހުން ބުނޭ މިފަހަރު އުދަ އެރުމުގެ ސަބަބުން ލޮނުގެ އަސަރުކޮށްގެން ކަނޑޫ ގަސްތައް މަރު ވަނީ ކަމަށް، ކުރިންވެސް އުދަ އަރާފަ ހުރުމުން އެ ގޮތަށް ބުނަން އަޅުގަނޑަށް ދަތި، ދިރާސާކޮށް ބެލީމައި މިވާގޮތަށް އެނގޭނީ'' ސާމިރު ވިދާޅުވިއެވެ.
ސާމިރު ވިދާޅުވީ ރައްޔިތުންގެ މަޖިލިސްއިން އެދުމުން، އެ ރަށުގެ ކަނޑޫފަލުގެ ހާލަތު ބަޔާންކޮށް މަޖިލިސްއަށް ސިޓީއެއް ފޮނުވާފައި ފައިވާނެ ކަމަށެވެ.
''މަހެއްހާ ދުވަސްވެއްޖެ މިހާރު މަޖިލިސްއަށް މިރަށު ކަނޑޫ ގަސްތަކުގެ ހާލަތު އެންގިތާ، ދައުލަތުގެ އެއްބާރަށް އެ އޮތީ އެންގިފައި، އެހިސާބުން އެކަން ބައްލަވާނެ ކަމަށް ދެކެނީ، ކޯވިޑް ދުވަސްވަރަށް ވުމުން މިކަން ދިރާސާކުރަން އައުންވެސް ވާނީ ދަތި ކަމަކަށްކަން ޤަބޫލު ކުރަން، ސަރުކާރުގެ ސަމާލުކަމަށް ވެސް މިކަން ގެންނާނަން، އަޅުގަނޑުމެން މިތިބީ މިކަމުގައި ފުރިހަމަ އެއްބާރުލުން ދޭން'' ސާމިރު ވިދާޅުވިއެވެ.

އުތުރުގެ ކަނޑޫފަލަކަށް ފަހު ކަނޑޫ ފަލެއް މަރުވާ މައްސަލަ ފެންމަތި ވަނީ
ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ، ހދ. ނޭކުރެންދޫ ކަނޑޫފަލުން ދިހަ ހާހަށްވުރެ ގިނަ ކަނޑޫ ގަސްތައް މަރުވެއްޖެކަން ހާމަކޮށް އެރަށުގެ ކައުންސިލުން އެ ރަށުގެ ކަނޑޫފާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖޫން މަހު ތެރޭގައިއެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ހަލުވިމިނެއްގައި އެރަށުގެ ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވަމުން ދާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ހއ. ކެލާގެ ކަނޑޫފާ މަރުވާ މައްސަލަވެސް ނޭކުރެންދޫ ކަނޑޫފާ މަރުވާ މައްސަލައާއި ދާދިއެކު އެކީގައިހެން ވަނީ ފެންމަތިވެފައެވެ.
މީގެއިތުރުން ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ވަނީ ހދ. ވައިކަރަދޫގެ ކަނޑޫފާ މަރުވަމުންދާ މައްސަލަ ވެސް މީސް މީޑިއާއަށް ތިލަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!