ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބެހެއްޓި ފުރަތަމަ ޑިޖިޓަލް ކިއޯސްކް، އުރީދޫ މޯލްޑިވްސް އިން އެ އެއާޕޯޓުގައި ބަހައްޓައި، މި ކިއޯސްކް އިފްތިތާހުކޮށްފިއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން އުރީދޫގެ ހިދުމަތްތައް އަމިއްލައަށް ހޯދޭ މި ޑިޖިޓަލް ކިއޯސްކް އިފްތިތާހު ކުރުން އޮތީ މިއަދުއެވެ.

Ad
rt

ވީއައިއޭގައި އެކަމަށް މިއަދު އޮތް ހަފްލާގައި މި ކިއޯސްކް އިފްތިތާހުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. އެ ހަފްލާގައި މިނިސްޓަރުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުއާއި އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އުރީދޫން މިއަދު ބެހެއްޓި ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތްލިބިގެން ދާއިރު، މި ޑިޖިޓަލް ކިއޯސްކްއިން ސިމްކާޑް ރެޖިސްޓަރކޮށް އިޝޫ ކުރުމުގެ އިތުރުން ސިމް ކާޑު ރިޗާރޖް ކުރެވޭނެ ގޮތް ފަހިކޮށްދީފައި ވާ ކަމަށް އޫރީދޫއިން ބުންޏެވެ.

މީގެ އިތުރުން މި ކިއޯސްކްއަކީ މި ދުވަސްވަރު ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށް ވެސް މުހިންމު ހިދުމަތެއް ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި؛

  • ޓޫރިސްޓް ސިމް ކާޑު ގަތުން
  • ބިލަށް ފައިސާ ދެއްކުން
  • ރީޗާޖް ހިދުމަތްތައް
  • އެމް-ފައިސާ އެކައުންޓަށް ކޭޝް އިންކުރުން

އުރީދޫން މި ހިނގާ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ކޯވިޑް-19 ގެ ސަބަބުން ހީނަރުކަން ކުރިމަތިވެފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމުގައި ބައިވެރިވެ، ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްދިނުމުގެ ގޮތުން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ބައިނަލްއަގުވާމީ ކެމްޕޭނެއް ވެސް ފަށައިފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމަށް އުރީދޫއިން ފެށި މިކެމްޕޭން އުރީދޫ އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަން މީހުންނާ ހަމަ އަށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މިކެމްޕެއިންގެ ތެރެއިން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކުގެ ކަސްޓަމަރުންނަށް، އުރީދޫގެ މީޑިއާ ޕާޓްނަރުންގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ނަލަކަމާއި، ޗާލުކަން ދައްކުވައިދީ ދަނީ ރާއްޖެ އިސްތިހާރު ކޮށްދެމުންނެވެ. އަދި ރާއްޖޭގެ ހިތްގައިމު ރީތި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައްވެސް އުރީދޫގެ އެތައް ހާސް ކަސްޓަމަރުންނަށް ފެންނާނެހެން ދަނީ ހިއްސާކުރަމުންނެވެ.