މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގަށް ބަދަލު ގެނެސް، ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
މިފްކޯއިން އޮޕަރޭޓުކުރާ ފިޝަރީޒް ކޮމްޕްލެކްސްތަކަށް އެ ކުންފުނިން ފޮނުވި މެމޯއެއްގައި ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސް ސެންޓަރުތަކާއި ބޯޓުތަކުން ޑީސަލް ވިއްކާ އަގު ބަދަލު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 8.65 ރުފިޔާ އަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 7.33 ރުފިޔާ އަށްކަމަށް އެ މެމޯގައި ވަނީ ބުނެފައެވެ.
މަސްވެރިންނަށް ވިއްކާ ޑީސަލްގެ އިތުރުން، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން އާއްމު ފަރާތްތަކަށް ވިއްކާ ޑީސަލްގެ އަގަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިއަދުން ފެށިގެން އާއްމު ފަރާތްތަކަށް ޑީސަލް ވިއްކާނީ ލީޓަރެއް 13 ރުފިޔާއަށްކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކުރިއިރު އެކުންފުނިން ވަނީ މިއަހަރުގެ އޯގަސްޓްމަހުގެ 17 ވަނަ ދުވަހުން ފެށިގެން އޯގަސްޓްމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން މަސް ކިރުވާފައި ފައިސާ ނުދީ ހުރި ބިލުތަކަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާފައެވެ.
މިދުވަސްކޮޅަކީ ރާއްޖެއަށް މަސްވެރިކަން އެންމެ ރަނގަޅު މޫސުމެވެ. އެގޮތުން ދުވާލަކަށް އެވްރެޖްކޮށް މިހާރު 260 ޓަނުގެ މަސް މިފްކޯއަށް ކިރަމުންދާކަމަށް މިފްކޯއިން ބުނެއެވެ. އަދި މިއަހަރުގެ މިހާތަނަށްވެސް މަސްވެރިންނަށް ގާތްގަނޑަކަށް 525 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް މިފްކޯއިން ބުނެއެވެ.
މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!