ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިފަދަ އެއްޗެކޭ
އޭގެ ދެ ފަރާތް ބުނެދެވޭން އޮންނާނެ ހޭ؟ ނޯންނާނެޔޭ!

ދުވަސްވަރަކީ ހއ. ކެލާގައި އިނގިރޭސީން ތިބި ދުވަސްވަރެވެ. އެ މީހުން ބަނޑަހަޖަހައިގެން ތިބީ ކެލާ ތުނޑީކޮޅުގައެވެ. "ރަސްކަން" ކުރަމުން ދަނީ ކެލާގެ ހިތްގައިމު ތުނޑީގައެވެ. އެ ތަނުގައި ދެ ފަންގިފިލާއަށް ވާ ގޮތަށް ޢިމާރާތްކޮށްފައިވާ ރާޑަރު ގެއެއް ހުރެއެވެ. އަދި ހަތިޔާރުތައް ލައި ރައްކާކޮށްފައިވާ ބަޑި ގުދަނެއް ވެސް ހުރެއެވެ. މީގެއިތުރުން، އިނގިރޭސީން ދިރިއުޅުމަށް ޓަކައި ގެދޮރު އަޅާފައި ވަނީ ވެސް މި ސަރަހައްދުގައެވެ.

Ad
rt

އިނގިރޭސީންގެ "އަރިހުގައި" މަޖޫރީންނަށް އުޅެނީ ދިވެހިންނެވެ. ކެލާގެ މީހުންނާއި ކެލާއާއި ކައިރި ރަށްރަށުގެ މީހުންނެވެ. ހެނދުނު މަސައްކަތު އައިސް، ހަވީރު މަސައްކަތް ނިމުމުން އެނބުރި ދަނީއެވެ. އިނގިރޭސީންނަށް ކަނޑައެޅިފައިވާ ސަރަހައްދަށް އެތެރެވުމުގެ ކުރިން، އެ ތަނަށް މަސައްކަތު އަންނަ މަޖޫރީން ވަރަށް ރަނގަޅަށް ބަލައި ފާސްކުރެއެވެ. މަސައްކަތް ނިންމާފައި އެނބުރި ދާއިރު ވެސް ހަމަ މި އުސޫލުން މި މީހުންނާމެދު ކަންކުރެއެވެ. މީގެއިތުރުން، ބަޑި ގުދަނުގައި ހުންނަ ހަތިޔާރުތައް ގުނައި ފާސްކުރުމަކީ ވެސް ގަވާއިދުން އިނގިރޭސީން ކުރަމުން ގެންދާ ކަމެކެވެ. އެ ތަނުން އެއްޗެއް މީހަކު ނަގައިފާނެތީއެވެ. އެެހެންވެއްޖެނަމަ، އެއީ ޚުދު އެ މީހުންގެ ފުރާނައަށް ވެސް ހުރި ނުރައްކަލަކަށް ވެދާނެތީއެވެ.

އާއްމު އުސޫލުގެ މަތިން ބަޑި ގުދަނުގައި ހުރި ހަތިޔާރުތައް ގުނައި ފާސްކުރަމުން ދިޔަ ވަގުތެވެ. ގުދަނުގައި ހުރި ބޮންތަކުގެ ތެރެއިން ބޮމެއް މަދުވެއްޖެއެވެ. މި މީހުން ކަންބޮޑުވާނެ ވަރު ނިކަން ވިސްނައިލާށެވެ. މިއީ، ކާކު ކުރި ކަމެއް ބާވައެވެ؟ މި މީހުންނަށް ހަމަލާއެއް ދޭން މީހަކު އަނެއްކާ އެ ބޮން ނެގީ ބާވައެވެ؟ ކޮންމެއަކަސް، އިސާހިތަކު އިނގިރޭސި ފައުޖުގެ ސަމާލުކަމަށް މި ކަން ގެނެސްފިއެވެ. ދެނެކާ ދެނެއް ނެތެވެ. މަޖޫރީންތައް ބަލައި ފާސްކުރުމުގެ މަސައްކަތް ވަގުތުން ފަށައިފިއެވެ. މީހުންނާއި މީހުން ގެންގުޅޭ ހުރިހައި އެއްޗެއް ވެސް ބަލައި ފާސްކުރަން ފަށައިފިއެވެ. ވެގެން އުޅޭ ގޮތެއް މަޖޫރީންގެ ގާތަކު ނުބުނެއެވެ.

ކައިރި ރަށަކުން އެ ތަނަށް މަސައްކަތު އައިސް އުޅޭ ޙަސަންބެ ބަލައި ފާސްކުރަމުން ދިޔަ ވަގުތެވެ. ޙަސަންބެގެ ގައިގެ އެތަން މި ތަނުގައި އަތް ކާއްތައި ބަލައި ޗެކުކުރުމަށް ފަހު ޙަސަންބެ ގެންގުޅޭ ބޮކުސާ މޮހައިލަން ބުނެފިއެވެ. އެއީ، ވައްތަރު ވައްތަރުގެ ދަތުރު ދަބަހާއި ކޮތަޅުތައް ގެންގުޅޭ ޒަމާނެއް ނޫނެވެ. މީހުން އެއްޗެހި ތަންތަނަށް ގެންގޮސް އުޅުނީ ބޮކުސާއަށް އެ މީހުންގެ އަންނައުނާއި އެ ފަދަަ އެއްޗެހި އަޅައިގެންނެވެ. ބޮކުސާއަކީ ތިޔަ ހީކުރާ ބޮކްސަރއެއް ނޫނެވެ. އެއީ، ފޮތިގަނޑަކަށް ލައިފައި އޮންނަ ފޭރާން ބޮނޑިއެކެވެ. ހަތަރު އަރި ފޮތިގަނޑެއްގައި އެއްޗެހިތައް ބަަހައްޓާފައި ފޮތިގަނޑުގެ ކޮންމެ ހުރަސް ދެ ކަނެއް ގެނެސް އައްސައި ގޮށެއް ޖަހަނީއެވެ. މީހުން ތަންތަނަށް ދަނީ އެ ބޮކުސާ ކިހިލިޖަހައިލައިގެން ނުވަތަ ބޮލަށް ލައިގެންނެވެ.

ޙަސަންބެ ގެންގުޅޭ ބޮކުސާ މޮހައިލިއިރު، ބޮން ލައިފައި އޮތް ދަޅު އެ ބޮކުސާ ތެރޭގައި އޮއްވައި ފެނިއްޖެއެވެ. ބޮންތައް ހުރީ ވަރަށް ރީތިކޮށް ފަރުމާކޮށްފައިވާ ދަޅުދަޅުގައެވެ. ޙަސަންބެ ނޫނަސް ކޮންމެ މީހަކު ވެސް އެ ދަޅުތައް ފެނުނީމާ ހިތްކިޔާހައި ރީތިކޮށް އޭގައި ހުރި ކުރެހުންތައް ކަނޑައިނަގާފައެވެ. ދަޅު ފެނުނީމާ އެ މީހުންގެ ހިތަށް ލިބިފައިވާ ނުތަނަވަސްކަން ފިލައިފިއެވެ. އަވަސްއަވަހަށް ދަޅު ނަގައިފިއެވެ. އެކަމަކު، ދަޅުގައި ހިފުމާއެކު އޭގެ ތެރޭގައި ބޮން ނެތްކަމުގެ އިހުސާސެއްވެއްޖެއެވެ. ދަޅުގެ މަތި ނަގައި ރަނގަޅަށް ބަލައިލައިފިއެވެ. ހީވީ ހަމަ ރަނގަޅަށެވެ. އޭގެ ތެރޭގައި ބޮމެއް ނެތެވެ. އެ މީހުން ހާާސްވެ ކަންބޮޑުވާނެ ވަރު ވިސްނައިލާށެވެ. ދަޅު އަތުޖެހުނު އިރު އޭގައި އޮތް ބޮން ވީ ތަނެއް އަދިއެއް ނޭނގެއެވެ. އެ ދަޅުގައި އޮތް އެތި ވީ ކޮން ތާކު ތޯ ޙަސަންބެ ގާތުގައި އެ މީހުން އަހައިފިއެވެ. ޙަސަންބެ އެ މީހުންނާއެކު އެ ދައްކަން ހިނގައްޖެއެވެ. އޭރު ވެސް ޙަސަންބެއަކަށް މި ވެގެން އުޅޭ ގޮތެއް ނޭނގެއެވެ.

ސުބްޙާނަﷲ އެވެ. ބޮން އެހެރީ، އިނގިރޭސީން ދިރިއުޅުމަށް އަޅާފައި ހުރި ގެތަކުގެ ތެރެއިން، އެ ފައުޖުގެ އިސްކޮށް ހުންނެވި ބޭފުޅާ ދިރިއުޅުއްވާ ތަނާ ޖެހިގެން އަޅާފައި ހުރި އުނދޯލިގޭގެ ފަން ބިތަށް ޖަހާފައެވެ. އެއީ، ކޯއްޗެއް ކަމެއް ޙަސަންބެއަކަށް ނޭނގެއެވެ. ދަޅު ރީތި ވީމާ ނެގީއެވެ. އެ ދަޅު ތެރޭގައި އޮތް އެތި ބޭނުން ނޫންވީމާ އެ ބިތަށް ޖެހީއެވެ. އިނގިރޭސީންގެ މީހުން އަވަސްއަވަހަށް ބޮން އެ ތަނުން ނެރެ ދަޅަށް ލައިފިއެވެ. އަދި ޙަސަންބޭ ގާތުގައި އެއީ ކޯއްޗެއްކަން ބުނެދީފިއެވެ.

އަސްތަޣްފިރުﷲއެވެ. އެ ވާހަކަ ބުނުމާއެކު ޙަސަންބެގެ ހަތަރެސް ފައި ތުރުތުރުއަޅައި މުޅި މީހާ ފިނިވެގެން ގޮސް ގަނޑުވެއްޖެއެވެ. ވަގުތުން ހިއާއި ހުމާ ނަގައިފިއެވެ. އެ އައި ހުމުގައި އެ ފަކީރު އެތައް ދުވަހެއް ކަޑައްތުކުރަން ޖެހިއްޖެއެވެ. ކީއްކުރާނީ ދޯއެވެ. މިއީ، ހަމަ ނޭނގުނީމާ ވީ ގޮތެވެ.