މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އޮރެންޖު އެލާޓު ނެރެފި އެވެ.
އޮރެންޖް އެލާޓް ނެރެފައިވަނީ މިރޭ 22:30 އިން ދަންވަރު 02:30 އާއި ހަމަ އަށެވެ. މެޓް އޮފީހުން ބުނެފައިވަނީ މިވަގުތު ތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން މިރޭ ނެރުނު މެސެޖެއްގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭތީވެ، އެންމެހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް އިލްތިމާސް ކުރާކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެއިދާރާއިން ބުނެފައިވަނީ ބެހޭ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖެގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އިސްމިނުގައި 4 ފޫޓާއި 7 ފޫޓޫ ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!