މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މުވައްޒަފުންގެ ތެރެއިން ހިޔާ ފްލެޓުތަކަށް ކުރިމަތިލީ ހުރިހާ މުވައްޒަފުންނަށް ވެސް ފްލެޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެ ކުންފުނިން އަޅާ ދެ ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ އަމަލީ މަސައްކަތް ނިންމަން ކުންފުނިން އަމާޒު ހިފައިގެން އެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
ޝާހު ވިދާޅުވީ މި ފްލެޓުތަކަށް ކުރިމަތިލީ 72 މުވައްޒަފުން ކަމަށާއި އެ އެންމެންނަށްވެސް މިހާރު ވަނީ ފްލެޓު ޔަގީންވެފައި ކަމަށެވެ. އަދި ކުރިމަތިލީ މުވައްޒަފުންގެ ތެރެއިން ގިނައިން ކުރިމަތިލާފައި ވަނީ ދެ ރޫމާއި ތިން ރޫމުގެ އެޕާޓްމަންޓުތަކަށް ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
ފަނަރަ ބުރީގެ ދެ ޓަވަރު އެޅުމަށް މީގެ ކުރިން ކުންފުންޏާ ހަވާލުކޮށްފައިވާއިރު، އެ ދެ ޓަވަރުގެ ތެރެއިން މިހާރު މަސައްކަތް ފެށީ ފުރަތަމަ އެއް ޓަވަރު ނިންމަން ކަމަށް ޝާހު ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓު ކުރިއަށް މި ގެންދަނީ އެމްޑަބްލިއުއުއެސްސީގެ ކޭޝްފްލޯއިން އެމްޑަބްލިއުއެސްސީގެ އޯން ފައިނޭންސްގައި. އެ ގޮތުން މި ޕްރޮޖެކްޓުގެ މިހާރު ވަނީ ސްޓްރަކްޗާ އެއްކޮށް ނިމިފައި،" ޝާހު ވިދާޅުވިއެވެ.
އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓުމެންޓުވެސް ހިމެނޭ މި ޓަވަރުގެ މަސައްކަތް ކުރަނީ ޗައިނާގެ ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިންމެޓަލްސް އިންނެވެ.
ފްލެޓު ލިބޭ މުވައްޒަފުންނަށް ފްލެޓަށް ފައިސާ ދެއްކުމުގެެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކަމުން ގެންދާކަމަށްވެސް ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ޓަވަރުތައް އަޅާ ސަރަހައްދަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މުހިންމު ސަރަހައްދެއް ކަމަށާއި އެ އެ ޓަވަރުތަކުގައި ހުންނަ އެޕާޓުމެންޓުތަކަކީ ސައިޒުގެ ގޮތުން ބެލިނަމަވެސް ތަނަވަސް ތަންތަނަށް ވާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!