ސައިކަލް ބުރުގައި ބައިވެރިވި ކޮއްމެ ޒުވާނަކަށް އެދުވަހު އެތަނުން 1000 ރުފިޔާގެ ޖޫރިމަނާ ސްލިޕެއް ދެއްވިނަމަ ދައުލަތަށް ހެޔޮވަރުގެ އާމްދަނީއެއް ލިބުނީސް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު "ޕްރޮގްރެސިވް ކޯލިޝަން" ލީޑުކުރަށްވާ، ކުރީގެ ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދުރޭ މިހެން ވިދާޅުވީ ރޭ ކުރެއްވި ޓުވީޓެއްގައިއެވެ.

Ad
rt

އަދުރޭ ވިދާޅުވީ ސައިކަލް ބުރުގައި ބައިވެރިވި ކޮއްމެ ޒުވާނަކަށް އެދުވަހު އެތަނުން 1000 ރުފިޔާގެ ޖޫރިމަނާ ސްލިޕެއް ދެއްވިނަމަ ހާދަ ރަންގަޅު ވީސް ކަމަށެވެ.

އެހެން އެކަން ކުރިނަމަ ހެޔޮވަރުގެ އާމްދަނީ އެއް ދައުލަތަށް ލިބުނީސް ކަމަށް ވިދާޅުވެ އަދުރޭ ވަނީ އާމްދަނީ ހޯދާނެ އެހެންގޮތެއް ނޭންގޭ ސަރުކާރަކަށް ރަނުގެ ފުރުސަތަކަށް އެކަން ވީސް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އަދުރޭ ސަރުކާރަށް ފާޑުވިދާޅުވެ، ޓުވީޓެއް ކުރަށްވާފައި މިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅުން ބޭއްވި ސައިކަލް ބުރާއި ގުޅިގެން އަދުރޭ ރައީސްކަން ކުރަށްވާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝުޖާއު ރޭ މީޑިއާއަށް ވިދާޅުވީ އޭނާ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށްފަހު މިދިޔަ ހުކުރު ސައިކަލު ބުރާއި ގުޅިގެން 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޝުޖާއު ޖޫރިމަނާ ކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވުމުގެ ސަބަބުން ކަމަށް ބުނެއެވެ. އިދިކޮޅު ކޯލިޝަންގެ ޒުވާނުން އިސްނަގައިގެން ބޭއްވި މި ސައިކަލު ބުރުގައި އެންމެ ކުރީ ސަފުގައި ހުންނެވީ ޝުޖާއުއެވެ.

އިދިކޮޅުގެ ސައިކަލު ބުރާއި ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އަދި މިއަދު ޕީއެންސީގެ ރައީސް އަދުރޭ ފުލުހަށް ހާޒިރުވުމަށް ވެސް ވަނީ ޗިޓް ފޮނުވާފައެވެ.

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ހަވީރު މާލޭގައި ބޭއްވި ސައިކަލް ބުރާއި ގުޅިގެން ފުލުހުން އެރޭ ބުނީ އެ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ އެރޭ ބުނެފައެވެ.

ގިނަ ޢަދަދެއްގެ މީހުންނާއިއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.

ކޯވިޑް ބަލި މީހުން ރެކޯޑް އަދަދަކަށް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޯވިޑާއި ގުޅިގެން އެމަސައްކަތުގައި އުޅުއްވާ ޑޮކްޓަރުން ގެންދަވަނީ ދެވަނަ ލޮކްޑައުނަކަށް ދާން ފުރުޞަތު ނުދީ ފަރުދީ ޒިންމާ އަދާކުރުމަށް އާދޭސް ކުރަމުންނެވެ.