މާލެއިން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަން ދޭންޖެހޭ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާޢު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޝިފާޢު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅިގެން ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ މާލޭ ސަރަޙައްދުގައި މާލޭ ރައްޔިތުންނަށް ގެދޮރުގެ ގޯތި ނުދެވޭތާ ވަރަށް ގިނަ ޒަމާންވެއްޖެ ކަމަށާއި، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސް ކޮށް ނުދެވޭތާ ވަރަށް ދުވަސްތަކެއްވެއްޖެ ކަމަށެވެ.

"އާދެ ތީގައި އަޅުގަނޑުމެން ހަގީގަތުގައި ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ މި މާލޭ ސަރަޙައްދުގައި މާލޭ ރައްޔިތުންނަށް ގެދޮރުގެ ގޯތި ނުދެވޭތާ ވަރަށް ގިނަ ޒަމާންވެއްޖެ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސް ކޮށް ނުދެވޭތާ ވަރަށް ދުވަސްތަކެއްވެއްޖެ، ޒަމާންތަކެއްވެއްޖެ"

=މުޙައްމަދު ޝިފާޢު، އިަހަވަންދޫ ދާއިރާގެ މެމްބަރު=

"ހަގީގަތަކީ މާލޭގައި އެންމެފަހުން ދޫކުރެވުނު ގޯތިތައް މިހާރު މިހިރީ ވާރުތަ މުދާ ގޮތުގައި ބައިކުރަމުން ކުރަމުން އައިސް އެންމެ ގޯއްޗެއް ސާޅީސް ފަޅިއަށް ފަޅި ކޮށްދީފައި، އަޅުގަނޑުމެން ޤަބޫލު ކުރަންޖެހޭނެ މާލޭ ސަރަޙައްދުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ވިސްނާއިރުގައި މީގެ އެންމެ އިސްކަމެއް ދޭންޖެހޭ ހައްޤުވެރިންނަކީ މާލޭ ރައްޔިތުންކަން، ހަގީގަތަކީ މާލޭގެ ރައްޔިތުންގެ ތެރެއިން 60 އިންސައްތަ މީހުން ދިރިއުޅެނީ ވަރަށް ހާލުގައި، ވަރަށް ކުދިކުދި ތަންކޮޅު ކޮޅުގައި، ސަތޭކަ އަކަފޫޓު ހަމަނުވާ ވަރަށް ކުދިކުދި ތަންކޮޅު ކޮޅުގައި، ހަމައެއާއިއެކު މާލޭގެ ރައްޔިތުންނަށް ބޯހިޔާ ވަހިކަމެއް ގޯއްޗެއް ރާއްޖޭގެ އެހެން ސަރަޙައްދަކުން ނުލިބޭ"

ޝިފާޢު ވިދާޅުވިއެވެ.

"އެހެންވީމައި އަޅުގަނޑުމެން މިއަދު މާލޭގެ ސަރަޙައްދުން ބޯހިޔާވަހިކަން ފަހި ކޮށްދޭއިރު މާލޭ ރައްޔިތުންނަށްވުރެ ހަގީގަތުގައި އިސްކަން ދޭންޖޭނެ އެހެން ބަޔަކު ނޫޅޭނެ"

=މުޙައްމަދު ޝިފާޢު، އިަހަވަންދޫ ދާއިރާގެ މެމްބަރު=

ޝިފާޢު ވިދާޅުވީ ދިވެހިރާއްޖެ ތަރައްގީވެފައި މިއޮތް ގޮތުން މާލޭ ސަރަޙައްދަށް ރާއްޖޭގެ އުތުރާއި ދެކުނުގެ ރައްޔިތުން އެއްކޮށް ބަރޯސާވެފައި އޮތްކަން ޤަބޫލުކުރަށްވާ ކަމަށެވެ. އަދި އެފަރާތްތަކަށް ވެސް ހައްލެއް ހޯދައިދޭން ޖެހޭނެ ކަމަށް ވެސް ޝިފާޢު ވިދާޅުވިއެވެ.

އެހެންނަމަވެސް މާލޭ ރައްޔިތުންނަށް ދިމާވެފައި މިއޮތް ބޯހިޔާވަހިކަމުގެ ދަތިކަމާއި އެއްވަރަކަށް އަތޮޅުތެރޭގެ ރައްޔިތުންނަށް އެ ދަތިކަން ނެތްކަން އެއީ ޤަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް މެމްބަރު ޝިފާޢު ދެއްކެވި ވާހަކާގައި ވަނީ ވިދާޅުވެފައެވެ.