ރާއްޖޭގައި ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށާއި، ވަޒީފާތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމާއި، ނާޒުކު ހާލަތުގައި ތިބި މަސައްކަތްތެރިންނަށް ކޮށްފައިވާ އަސަރުތައް ދެނެގަނެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ދިރިއުޅުމަށްކުރާ މަސައްކަތްތަކަށް ކުރި އަސަރު ދެނެގަތުމަށް އެ މިނިސްޓްރީއާއި، ޔޫ.އެން.ޑީ.ޕީއާއި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދިޔަ "ރެފިޕް ލައިވްލިހޫޑް އެސެސްމެންޓް"ގެ ފައިނަލް ރިޕޯޓު އާއްމުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

"ރެޕިޑް ލައިވްލިހޫޑް އެސެސްމެންޓް" ރިޕޯޓު ނެރެދެއްވާ ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަކިން ޚާއްސަކޮށް ވިޔަފާރިތަކަށާއި ވަޒީފާގެ ބާޒާރަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް ދެނެގަތުމަށް ކުރެވުނު ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ.

މި ރިޕޯޓުގެ އަލީގައި ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ހުއްޓުމަކަށް އަޔަނުދީ، އެފަދަ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޭޑީބީގެ އެހީގައި ޖޮބް ސެންޓަރު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް އެބަކުރަން. ވިޔަފާރިތަކަށް އެހީވުމަށް އިކޮނޮމިކް ރިލީފް ޕެކޭޖްތަކެއްވެސް ވަނީ ތަޢާރަފުކުރެވިފައި. ނަމަވެސް އެވަރަކުން އަދި ނުފުދޭ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ހުއްޓުމަކަށް އަޔަނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާނަން"

މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން އައި އިޤްތިޞާދީ ހީނަރުކަމަކީ މީގެ ކުރިން މުޅި ދުނިޔެވެސް ތަޖުރިބާކޮށްފައިނުވާވަރުގެ ކަމެއްކަމަށެވެ.

"ރެޕިޑް ލައިވްލިހޫޑް އެސެސްމެންޓް"ގެ އަލީގައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަނޑައަޅަންޖެހޭ ސިޔާސަތުތައް ދެނެގަތުމަށް ސަރުކާރަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް ދުރު ރާސްތާގެ އެޖެންޑާއަކަށް ބަދަލުވުމަށް ސަރުކާރަށް އެހީތެރިވެދޭނެކަމަށާއި، ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި، ދެމެހެއްޓިނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްވެސް އެހީތެރިވެދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި މަޢުލޫމާތުތަކަކީ މުސްތަޤްބަލުގައި ހުރިހާ ފަރާތެއްގުޅިގެން އިހަށްވުރެ ހަރުދަނާކޮށް އަލުން ބިނާކޮށް، ވިލުންވެރި ވަޒީފާތަކާއި، އާމްދަނީތަކެއް އުފެއްދުންފަދަ އިޔާދީ މަސައްކަތްތަކުގައިވެސް ބޭނުންތެރިވާނެ މަޢުލޫމާތުތަކެއް"

މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.

"ރެޕިޑް ލައިވްލިހޫޑް އެސެސްމެންޓް" ރިޕޯޓުގައި "އިހަށްވުރެ ރަނގަޅަށް އާރާސްތުކުރުން، މާ ނޫކޮށް، މާ ފެހިކޮށް" މި ނަމުގައި ސަރުކާރަށް ލަފާތަކެއް ވަނީ ދީފައެވެ. މީގެ ބޭނުމަކީ ކޯވިޑް-19 އާ ގުޅިގެން ދިގު ދެމިގެން ހިނގައިދާނެ އިޤްތިޞާދީ ކާރިސާއަކުން ވަޒީފާތަކަށާއި، އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ކުރު ރާސްތާގައި ކުޑަކުރުންކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.