ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާނެ ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް-19 އާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ސައެންޓިފިކް ހޯދުންތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލިފެތުރޭކަން ކަށަވަރު ކުރެވިފައި ނުވާތީ، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުން އިސްތިސްނާވާ ކަންކަން ހާމަ ކުރަށްވާ ކަމަށެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅުވެފައިވާ މީހުންނަށް، އެޗްޕީއޭއިން ހާމަކޮށްފައިވާ އިސްތިސްނާތައް ހިނގާނީ ކޯވިޑް-19 އަށް ޕޮޒިޓިވްވި ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިގޮތުން އެޗްޕީއޭއިން ހާމަކުރަށްވާފައިވާ ކަންތައްތައް
1. ކޯވިޑް-19 އަށް ޕީސީއާރު ޓެސްޓް ކުރުން
- ވަޒީފާއަށް ނުވަތަ މަސައްކަތަށް ނިކުތުމުގެ ބޭނުމުގައި ޓެސްޓް ކުރުން.
ކޯވިޑް-19 ގެ އަލާމާތެއް ނެތް ނަމަ، ކޯވިޑް-19 އަށް ފައްސިވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވާތީ ޓެސްޓް ކުރުން.
• ކޯވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސަރވައިލެންސްގެ ތެރެއިން ޓެސްޓް ކުރުން.
2. ކަރަންޓީނު ކުރުން
- ކޯވިޑް-19 ގެ އަލާމާތެއް ނެތް ނަމަ، ކޯވިޑް-19 އަށް ފައްސިވެފައިވާ މީހެއްގެ ކޮންޓެކްޓެއް
ވުމުން ކަރަންޓީނު ކުރުން. - ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރާ ކަރަންޓީނު ކުރުން.
- ކޯވިޑް-19 އާ ގުޅިގެން އެމީހަކު ދިރިއުޅޭ ގެއަށް ވަދެ ނުކުތުން މަނާކުރެވިފައިވާ ހާލަތުގައި ކަރަންޓީނުގައި ހުރުން.
3. އައިސޮލޭޓް ކުރުން
- އެހެން އެއްވެސް ކަމަކާ ގުޅިގެން ޓެސްޓްކޮށް ކޯވިޑް-19 އަށް ފައްސިވުމުން އައިސޮލޭޓް ކުރުން / އެކަހެރި ކުރުން.
ކޯވިޑް-19 އާ ބެހޭގޮތުން ހޯދޭ ސައެންޓިފިކް ހޯދުންތަކުގެ އަލީގައި މި އިސްތިސްނާތަކަށް ބަދަލު އައުމަކީ
އެކަށީގެންވާ އެކަށިގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު މިހާރު ނުރައްކާތެރި ފައްތަރަކަށް ގޮސް، ބަލި ފެތުރޭ މިންވަރަށް އެ މަސައްކަތުގައި ހަރަކާތްތެރިވާނެ ފްރޮންޓްލައިން މީހުން ނެތުމާއި، ވަރުބަލިވުމާއި، ފަރުވާދޭން ޚާއްސަކުރި ހޮސްޕިޓަލްތަކުގެ ބެޑް ކެޕޭސިޓީގެ ފަސްދޮޅަސް އިންސައްތަ ފުރިފައިވާތީ، ކޯވިޑްގެ ކަންކަން ރާއްޖޭގައި ރާވާ ހިންގާ ޓެގް ޓީމުން ރޭ ވަނީ ކަންބޮޑުވުން ފާޅުކޮށް، އަލުން ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށް ވެސް ބުނެފައެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް އަލަށް 119 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ކޭސްތަކުގެ ޢަދަދު 6779 އަށް އަރާފައިވާ ކަމަށް ޓެގް ޓީމުން ވަނީ ބުނެފައެވެ. އަދި 4222 މީހުން ބަލިން ފަސޭހަވެފައި ވާއިރު، 26 މީހުން ވަނީ މިރެއާއި ހަމައަށް ނިޔާވެފައިވާކަމަށް ޓެގް ޓީމުން ރޭ ބުންޏެވެ.
2531 މީހުން އެކްޓިވް ކޭސްގެ ގޮތުގައި ތިބިއިރު، އަތޮޅުތަކުން މީހުން ދިރިއުޅޭ 22 ރަށެއްގައި އެކްޓިވް ކޭސް ވާކަމަށާއި، 12 ރިސޯޓަކުން މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަ ކުރަށްވާފައެވެ. އަދި ހޮސްޕިޓަލްގައި 162 މީހުންނަށް ފަރުވާ ދެމުންދާއިރު އެތަނުން 11 މީހުންނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށާއި، 8 މީހަކަށް ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ކަމަށް ވެސް ޓެގް ޓީމުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!