ލަންޑަންގައި ދިރިއުޅޭ ސާރާ އިޒިކިއަލް ހުނަރުވެރިކަން ފާހަގަކޮށް އޭނާ އަށް ވަނީ ކުރެހުންތެރިކަމުގެ ރޮނގުން ބައިނަލްއަގުވާމީ އެވޯޑެއް ލިބިފައެވެ. ސާރާއަކީ ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ދެއަތް ބޭނުން ނުކުރެވޭ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. ސާރާގެ ކުރެހުންތައް ކުރަހާފައި ހުންނަނީ އޭނާގެ ލޮލުގެ އިސާރާތުންނެވެ.
އޭނާ މިގޮތަށް ލޮލުގެ އިސާރާތުން ކުރަހަނީ އެކަމަށް ތައްޔާރުކޮށް ފައިވާ ހާއްސަ ޓެކްނޮލޮޖީ އެއްގެ އެހީގައެވެ. ކޮމްޕިއުޓަރ ގެ ޒަރިއްޔާއިން މި ޓެކްނޮލޮޖީ މެދުވެރިކޮށް ސާރާގެ ލޮލުގެ ހަރާކާތް ހުންނގޮތަށް ކުރެހުން ތައްޔާރުވެއެވެ.
މޮޓޯނިއުރޯޑިޒީޒްގެ ސަބަބުން އަތުން ކުރަހަން ނުކުޅެދިފައިވާ ހުނަރުވެރި ސާރާ ވަނީ އޭނާގެ ހުނަރު މި ޓެކްނޮލޮޖީގެ އެހީގައި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ މަގު ތަނަވަސް ކޮށްފައެވެ.
2000 ވަނަ އަހަރާއި ހަމައަށްވެސް ސާރާގެ ސިއްހީ އެއްވެސް މައްސަލައެއްނެތެވެ. ނަމަވެސް އުމުރުން 34 އަހަރުގައި އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އިނުމަށްފަހު ކަނާތުގެ ވާގި ދޫވާހެން ހީވާން ފެށިއެވެ. އަދި އޭގެ އިތުރުން ވާހަކަ ދެއްކުމުގައި ވެސް ދަތި ތަކާއި ދިމާވާން ފެށިއެވެ.
ސާރާ ލޮލުގެ އިސާރާތުން ކުރަހާފައިވާ ކުރެހުމެއް
އޭގެ ފަހުން ދެތިން މަސްތެރޭގައި އޭނާ ގައިގާ އޭއެލްއެސް ( އެމްޔޯޓްރޮފިކް ލެޓެރަލް ސްކްލެރޯސިސް) މިބަލި ހުރިކަން އެނގުނެވެ. މިބައްޔަކީ ކޮންމެ 50،000 މީހެއްގެ ތެރެއިން 1 އަކަށް ކުރިމަތިވާ، މިހާތަނަށް ފަރުވާއެއް އަދި ހޯދިފައިނުވާ ބައްޔެކެވެ.
ސާރާ ހާމަ ކުރިގޮތުގައި މީގެ ކުރިން އޭނާއަކީ ނޯމަލް ދިރިއުޅުމެއް އުޅެމުންއައި މީހެކެވެ. އޭނާ އަކީ ފުލްޓައިމް މަންމައެއްގެ ގޮތުގައި ގޭގައި ކެއްކުމާއި، ކުދިންބެލުމާއި، ގޭތެރެ ސާފްކޮށް އަދި ޖިމްއަށް ގޮސް ސާދާ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ.
އޭނާ ބުނިގޮތުގައި މިބަލީގެ ފުރަތަމަ 5 އަހަރު އޭނާ ހޭދަކުރީ ވަރަށް ހިތްދަތި އަދި އެހާމެ އެކަނިވެރި ދުވަސްތަކެކެވެ. ނަމަވެސް ޓެކްނޮލޮޖޯގެ އެހީގައި ކުރަހަން ފެށުމުން އޭނާގެ އަނދިރި ރޫހެއް ނެތް ދިރިއުޅުމަށް ފުރިހަމަކަން ގެނެސްދިން ކަމަށް އޭނާ ބުންޏެވެ.
ސާރާ ލޮލުގެ އިސާރާތުން ކުރަހާފައިވާ ކުރެހުމެއް
ސާރާ ކުރަހަން ބޭނުން ކުރަނީ ޓޯބީ ޑައިނަވޮކްސް އިން ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ. މިކުންފުއްޏަކީ އައިގޭޒް ޑިވައިސަސް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މުއާމަލާތްކުރަން ބޭނުންކުރާ ތަފާތު ވަސީލަތް އުފައްދާ ކުންފުންޏެކެވެ. މިކުންފުނީގެ އުފެއްދުންތަކުގައި ބޭނުން ކޮށްފައި ހުންނަނީ ޕްރޮޖެކްޓަރާއި، ކެމެރާ އަދި އެލްގޯރިދަމްއެވެ. މިސިސްޓަމް ތައްޔާރުކޮށްފައިހުންނަނީ ސިސްޓަމް ބޭނުންކުރާ މީހާގެ ލޮލުގެ ކަޅީގެ ހަރަކާތްތަކާއި އެއްވަރަށް މަސައްކަތްކުރާގޮތަށެވެ. އެހެންކަމުން ސާރާއަށް އިންޓަރނެޓް އިން ބްރައުޒްކޮށް ސޮޕިންގ ކުރުމުގައިވެސް އެއްވެސް އުނދަގޫކަމެއް ނެތެވެ.
އާރޓްގެ ދާއިރާއިން ތަޢުލީމް ހާސިލްކޮށް ފައިވާ ސާރާ ލޮލުގެ އިސާރާތުން ކުރަހަން ފަށާފައިވަނީ 2012 ވަނަ އަހަރުއެވެ. އޭނާގެ އެންމެ ފުރަތަމަ ކުރެހުމަށް ކިއަނީ "ޕީސްފުލް ވޯރިއަރ"އެވެ. އޭނާގެ ކުރެހުންތައް ޔޫކޭ ގެ އިތުރުން ގަތަރު ފަދަ ޤައުމު ތަކުގައި ވެސް ދައްކާލަން ބަހައްޓާފައި ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!