ހެލްތު މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މިނިސްޓަރު، މުހައްމަދު އަސްލަމާ ހަވާލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ރޭ ވަނީ ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމަށް ވަރަށް އަވަހަށް ބޭފުޅަކު ހަމަ ޖައްސަވާނެ ކަމަށް ބުނެފައެވެ.

Ad
rt

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ޕްލޭނިންގ އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ހަވާލު ކުރައްވައިފި ކަމަށެވެ.

ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިއްޔެ މަސައްކަތުން އެކަހެރިވެ ވަޑައިގެންފައެވެ.

މިކަން ހާމަކުރަށްވައި ރައީސް ޞާލިޙަށް މިނިސްޓަރު އަމީން ފޮނުއްވި ސިޓީގައި ވަނީ ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ނިމެންދެން ނުވަތަ ރައީސް ޞާލިހު ވަކިގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރައްވާ ކަމަށެވެ.

ވެލްޓިލޭޓަރުތަކުގެ ޚިޔާނާތާއި ގުޅިގެން، ރައީސް އޮފީހުން ރޭ ވަނީ ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިންނާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުން ސަސްޕެންޑްކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު ކަމަކީ ކޯވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ.