ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރާޅު އަރާފާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ ކ. އަތޮޅުން ތ. އަތޮޅަށް ހެނދުނު 10:30 އިން މެންދުރު 13:30 އާއި ހަމައަށް، އެ ސަރަޙައްދަށް ބޯކޮށް އުދައިގެ ރާޅު އަރާފާނެ ކަމަށް ލަފާކުރާ ކަމަށެވެ.
މެޓު އޮފީހުން ވަނީ މިއަދު ކ. އަތޮޅުން ތ. އަތޮޅަށް ރާޅު އެރުމުގެ ފުރުޞަތު އޮތް ކަމަށްވެސް ކުރިން ބުނެފައެވެ.
މިދުވަސްވަރު އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެ، އެކި ރަށްރަށަަށް ރާޅު އެރުމުގެ ހާދިސާއާއި ކުރިމަތިވަމުންނެވެ. އެގޮތުން އިއްޔެގެ މެންދުރު ވަގުތު މާލެ ހުޅުމާލެ ބުރިޖުގެ ހައިވޭ އައްވަނީ ވަރަށް ބޮޑަށް ރާޅު އަރާފައެވެ.
މިއަދު ހެނދުނު 11:00 އިން މާދަމާ ހެނދުނު 11:00 އަށް ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެން ވެއެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެއެވެ.
ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވިފައިވާއިރު ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!