އަހަރެން ފުރަތަ ދުންފަތުގެ އިސްތިއުމާލް ކުރަންފެށީ އުމުރުން ގާތްގަނޑަކަށް 9 10 އަހަރުގައެވެ. އެގޭ ސަބަބު ވަރަށް ގިނަ ކަންތަކާއި ގުޅިފައި ވެއެވެ.އެންމެ ބޮޑަށް މުޖުތަމައުގައި މި ވަބާ އަށަގެންފާވާ މިންވަރެވެ.މިކަމުގެ ސަބަބުން ބޮޑެތި މީހުން ކުރާ ކަންތަށް އަބަދުވެސް ކޮޕީ ކުރާ ކުޑަކުދީން މިވަބާއާއި ދިމާލަށް ދަގަތްފާނަށް ދަގަނޑު ދަމާހެން ދަމާ ގެންދާ ސަބަބަކަށް ވެދެއެވެ.
މެދު ނުކެނޑި 25 ވަރަކަށް އަހަރު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފަހު الحمدلله މިހާރު ދުންފަތާއި ދުރުވިތާ 7 ވަރަކަށް އަހަރު ވީއެވެ. ދުންފަތާއި ދުރުވާން ބޭނުންވި ސަބަބުތައްވެސް އެހާމެ ގިނައެވެ.

އެންމެ ބޮޑަށް ދީނުގައި މިކަން މަނާވެގެން ވީ މިންވަރެވެ. ރޯދަ ވީއްލައިގެން،ނަމާދުން ފައިބާގެން އައިސް ސިނގިރޭޓް އެއް ރޯކޮށްލައިގެން އިންނައިރު ހިތައް އަރައެވެ. ނަމާދުގައި ސީދާމަގައް މަގުދައްކަވާތޯ ދުޢާ ކޮށްފައި ފޭބިގޮތަށް މި ކުރެވެނީ ކޮންކަމެއްހެއްޔެވެ. މިއެދެވޭ އެދުމާއި މިކުރެވޭ އަމަލު ދިމާލެއް ނުވޭ ނޫންހެއްޔެވެ. އަމަލު ސީދާނުވެ ކުރެވޭ ހެޔޮކަމެއްގެ ފައިދާއެއް ކޮބައިހެއްޔެވެ. އަދި އިސްރާފް ވެގެންދާ ފައިސާވެސް އެހާމެ ގިނައެވެ.

Ad
rt

ވީމާ މިކަމުން ދުރުވުމަށް މަސައްކަތް ފެށީމެވެ. ފުރަތަމަ ފަހަރު ހުރެވުނީ 20 ދުވަސް ވަންދެނެވެ. ދެންވެސް ތަފާތު އެކި ގޮތްގޮތުން އެތަށް ފަހަރަކު ކުރި މަސައްކަތް ވީ ބޭކާރެވެ.

އެންމެ ފަހުން ވިސްނުނީ މިކަމުގައި އަހަރެންގެ އަމިއްލަ ބާރު ކުޑަކަމެވެ. ވީމާ އަޒުމް ކަނޑައެޅީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲ سبحانه وتعالى މަދަދަށް އެދި ދެންނެވުމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ނަމާދުގެ ފަހުގައި ދުޢާ ކުރަން ފެށީމެވެ. ﷲ އީ އެކަލާންގެ ވަޢުދު ފުޅުގައި އެންމެ ތެދުވެރިވެ ވޮޑިގެންވާ އިލާހެވެ.

ﷲ ގެ ހެޔޮރަޚްމަތާއި އެކު ތިންމަސްދުވަސް ތެރޭ ދުންފަތާއި އެއްކޮން ދުރުވެވިއްޖެއެވެ. މިހާރު އޭގެފަހުން 7 ވަރަކަށް އަހަރު ވީއެވެ. ނަމަވެސް މިހާރުވެސް މިގޮތުގައި ސާބިތުކޮށްދެއްވުން އެދި ދުޢާ ކުރުން މަތީ ދެމިހުރީމެވެ.

އަޚާއެވެ. މީ އަހަރެން ދުންފަތާއި ދުރުވިގޮތް ހަމަ އެއްވެސް އުނި އިތުރެއް ނެތި ކިޔައި ދިނީއެވެ. އަދި އަހަރެން ޤަބޫލު ކުރާގޮތުގައި މިއަށްވުރެ ފަސޭހަ އެއްވެސް ގޮތެއް ނުވެސް އޮންނާނެއެވެ. އަޅެ ތިބާވެސް މިގޮތް އަޖުމަ ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ...

ލިއުނީ: ހުސައިން ޝުޖާޢު