ކޯވިޑް- 19 ޖެހިގެން ރާއްޖެއިން 18 ވަނަ މީހަކު މަރުވެއްޖެ ކަމަށާއި، މި ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިރޭ 8:57 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއް ކޯވިޑް ބަލީ ގައި މަރުވެފައި ވާ ކަމަށެވެ.

Ad
rt

މިއަދު ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަށް ހާމަކޮށް އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 215 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 149 ދިވެހީންނާއި، 54 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 7 މީހަކާއި ލަންކާ 2 މިހަކާއި، ނެޕާލް 2 މީހަކާއި އަދި އިންޑޮނޭޝިއާ މީހެކެވެ.

މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ މާލޭ އޭރިއާއިން ޕޮޒިޓިވް ވެފައިވަނީ 214 މީހުންނެވެ. އަތޮޅުތެރެއިން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެޅި ލޮކްޑައުންގެ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު އަންނަނީ ގިނަ ޢަދަދެއްގެ މީހުން ރާއްޖެއިން މިބަށްޔަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ.

މީގެ އިތުރުން އަތޮޅު ތަކުން ކޯވިޑްގެ ކޭސްތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ފެންނަމުންނެވެ. މި ގޮތުން މިހާރު ވެސް އަތޮޅު ތަކުގެ 10 ރަށެއްގައި ކޯވިޑްގެ ބަލި މީހުން ތިބި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ މަޢުލޫމާތަށް ބަލާއިރު އެރަށް ތަކަކީ ހއ. ކެލާ، ހއ. އިހަވަންދޫ، ބ. އޭދަފުށި، ބ. ކަމަދޫ، ބ. ހިތާދޫ، ބ. ސީސައިޑް ފިނޮޅު، ޅ. ހިންނަވަރު، ޅ. ކުރެންދޫ، ކ. މާފުށި އަދި ވ. ފުލިދޫއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4،164 އަށް އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 18 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި 6 ބިދޭސީންނެވެ.

މިބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ގޮތުގައި 1489 މީހުން ތިބިއިރު، 84 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ 2،643 މީހުންނެވެ.