މި އަހަރުގެ ސެޕްޓެމްބަރު އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލްގައި ރަޖިސްޓަރީ ވުމަށް އެ މިނިސްޓްރީއިން އެދިއްޖެއެވެ.
މިކަމާއި ގުޅިގެން އެ މިނިސްޓްރީ އިން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންގެ ވިސާއާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީއާއި ގުޅަމުން އަންނަ ކަމަށެވެ.
އެހެންކަމުން ސެޕްޓެމްބަރު އިންޓޭކަށް އިނގިރޭސިވިލާތަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްގައިި ރަޖިސްޓްރީވުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.
އެ ޢިއުލާންގައި ވާގޮތުން އެ ފަދަ ދަރިވަރުން މި މަހުގެ 4 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެކަމަށް އެދި، އެ ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނު ލިބޭ 514 ދަރިވަރުންގެ ނަން ޖޫން 25 ވަނަ ދުވަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އިއުލާނު ކޮށްފައެވެ. އެ ބުރުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލި 550 ފުރުސަތަށް، 1،300 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލިއެވެ.
ލޯނު ލިބޭ ދަރިވަރުން ލޯނު ލިބުނުކަން އެންގި ތާރީޚުން ފެށިގެން ކުރިއަށް ހިނގާ އަހަރެއް ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ އިރު، އެ ބުރުގައި ވަނީ ލައިސަންސް ކެޓަގަރީ: 15 ޖާގަ، ޑިޕްލޮމާ: 48 ޖާގަ، ޑިގްރީ: 264 ދަރިވަރުން، މާސްޓާސް: 160 ޖާގަ އަދި ޕީއެޗްޑީ: 27 ޖާގަ ދަރިވަރުން ނަށް ދޫކޮށް ފައެވެ.
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި 20 ޖުލައި 2020 ވަނަ ދުވަހު ވިދާޅު ވެފައެވެ. އެ މަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 6،250 ދަރިވަރުންގެ ކިޔެވުމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!