2020 ގެ ބޮޑުބައި ގޭގައި ތިބެން މަޖުބޫރުވެފައިވާ އިރު މި އަހަރު ހާލަތުދިމާވި ގޮތާއި މެދު ޗުއްޓީގައި ބޭރަށް ޖައްސާލަން ނިންމައިގެން ތިބި މީހުން ހިތްހަމައެއް ނުޖެހޭނެ އެވެ. މިއަންނަ އަހަރު ފުރުސަތު ލިބިއްޖެނަމަ ބޭރުގައުމަކަށް ޗުއްޓީ ހަދާލަން ދާން ތައްޔާރަށް ތިބި މީހުން މަދެއްނުވާނެ ކަން ކަށަވަރެވެ.

ޓުއަރިޒަމް ކުންފުނި ކޮނޯއި ޓްރެވަލް އިން ގޫގަލް ސާޗްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާއެއް ދައްކާ ގޮތުން "2021 ހޮލިޑޭ " ގޫގަލް ސާޗް ކުރިމީހުންގެ އަދަދު މިއަހަރުގެ މާޗް މަހަށް ފަހު 124 އިންސައްތަ އިތުރުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.

131 ގައުމުގެ ގޫގަލް ސާޗް މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ދިރާސާ އިން ޗުއްޓީ ހަދާލަންދާ މަންޒިލެއްގެ ގޮތުން އެންމެ ގިނަ މީހުން ސާޗް ކޮށްފައިވާ ގައުމުތައް ވެސް ދައްކުވައިދެއެވެ. އެގޮތުން ޔޫރަޕުގެ ގިނަ ގައުމު ތަކުގައި އެންމެ މަގްބޫލް މަންޒިލަކީ ދިވެހިރާއްޖެ އެވެ. މީ ދިވެހިން މާބޮޑަކަށް ހައިރާން ކުރުވާނެ ވާހަކަ އެއްނޫނެވެ. ސަބަބަކީ ކޮންމެ އަހަރަކުވެސް ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަގެ ތެރޭގައި ޔޫރަޕުގެ ގައުމުތައް ހިމެނޭ ތީ އެވެ.

ޔޫކޭގައި އެންމެ ގިނައިން ގޫގަލް ސާޗް ކޮށްފައިވާ ގައުމުތަކުގެ ލިސްޓުގެ ވެސް އެއްވަނައިގައި އޮތީ ދިވެހިރާއްޖެކަން ފާހަގަކޮށްލެވެއެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ ގިނަ މީހުން ގޫގަލް ގައި ސާޗް ކޮށްފައިވާ މަންޒިލަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ. އަބޫދާބީ އަދި ދުބާއި ފަދަ ޓުއަރިސްޓުން ގެ މެދުގައި މަގުބޫލް ސިޓީ ތަށް ހިމެނޭ ޔޫއޭއީ އަކީ ޖުމްލަ އެގާރަ ގައުމެއްގެ ލިސްޓުގެ އެއްވަނައިގައި އޮތް މަންޒިލް ވެސް މެއެވެ. ދުނިޔޭގެ ސާޗް ލިސްޓުގެ ދެވަނައިގައި ތިން ގައުމެއް ހިމެނެއެވެ. އެއީ ގަތަރު، ކެނަޑާ އަދި އެމެރިކާއެވެ. މިތިން މަންޒިލް ވެސް ޖުމްލަ 8 ގައުމެއްގެ ލިސްޓުގެ އެއްވަނަ މަންޒިލްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. ފަސްވަނަ މަގާމު މިސްރަށް ލިބިފައިވާ އިރު ޖުމްލަ 6 ގައުމެއްގެ މީހުން ޗުއްޓީއަށް އެންމެ ދާހިތް ވަނީ މިސްރަށެވެ.

ކުނޯއި ގެ ސްޕޯކްސް ޕާސަން ޑީން ހާވަން ބުނެފައި ވަނީ ގިނަ ގައުމުތައް ލޮކްޑައުން ވެފައިވާ ދަނޑިވަޅެއްގައި ކުރިއަށް ވިސްނާފަ ޓިކެޓް ރިޒަވޭޝަން ހަދާ މީހުންގެ އަދަދު ގިނަވުމުން ހައިރާން ނުވާ ކަމަށެވެ. ޗުއްޓީގައި ދާން އެންމެ މަގުބޫލް މަންޒިލްތައް އެކި ގައުމުތަކުގައި ތަފާތު އިރު އެންމެ ގިނަ އަދަދެއްގެ މީހުން ބުކް ކޮއްފައިވާ ގައުމަކީ ދިވެހިރާއްޖެ ކަން އޭނާ ފާހަގަކުރެއެވެ.



Ad
rt