އިޓާލިއަން ސީރިއާގައި ރޭ ޔުވެންޓަސްއާއި ލާޒިއޯ ބައްދަލު ކުރި މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑުން ޔުވެންޓަސް މޮޅުވެ އެ ޓީމު ވިދިވިދިގެން ނުވަވަނަ ފަހަރު ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލައިފިއެވެ.

ރޭ ޔުވެންޓަސް ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުނެނެވެ. މި މެޗުގެ ޖެހި ހުރިހާ ލަނޑެއް ވެސް ޖަހާފައިވަނީ މެޗުގެ ފަހު ހާފުގައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ޔުވެންޓަސްއިންނެވެ. އެ ލަނޑު މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި އިރު، އޭގެ ތިންމިނެޓް ފަހުން އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ ރޮނާލްޑޯއެވެ. އެ ލަނޑަކީ ލާޒިއޯގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޕައުލޯ ޑިބާލާ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ރޮނާލްޑޯ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

Ad
rt

މުޅިމެޗު ކޮންޓްރޯލް ކޮށްގެން ޔުވެންޓަސް މޮޅަށް ކުޅުނު ނަމަވެސް ލާޒިއޯއިން ވެސް ވަނީ ދޭތެރެދޭތެރެއިން ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މި މެޗުގައި ލާޒިއޯއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްފައިވަނީ އެ ޓީމުގެ އިތުބާރު އިޓަލީ ފޯވާޑް އިމޮބައިލެވެ.

ރޭގައި ރޮނާލްޑޯ އަދި އިމޮބައިލް ކާމިޔާބު ކުރި ލަނޑުތަކާއި އެކު މި އަހަރުގެ އިޓާލިއަން ސީރިއާގައި އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހާފައިވަނީ މި ދެ ކުޅުންތެރިންނެވެ. މި ސީޒަންގެ މިހާތަނަށް މި ދެ ކުޅުންތެރިނަވަނީ ކޮންމެ ކުޅުންތެރިއަކު ލީގުގައި 30 ލަނޑު ޖަހާފައެވެ. 2007-08 ގެ ސީޒަނުގައި އިޓަލީ ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޑެލްޕިއެރޯ ރަންބޫޓު ހޯދިފަހުން ޔުވެންޓަސްގެ އެއްވެސް ކުޅުންތެރިއަކަށް ރަނަބޫޓޫ ހޯދިފައިނުވެއެވެ.

ރޭ މެޗުން މޮޅުވުމުން ލީގުގައި ޔުވެންޓަސް ކުޅުނު 34 މެޗުން އެ ޓީމަށް ވަނީ 80 ޕޮއިންޓް ލިބިފައެވެ. ހަމަ އެ އަދަދަށް މެޗުކުޅެގެން ދެވަނާގައި އޮތީ އިންޓަރ މިލާނެވެ. އެ ޓީމަށް ހޯދިފައިވަނީ 72 ޕޮއިންޓެވެ. ލީގުގައި ކޮނެމް ޓީމަކަށް ބާކީ ހަތަރު މެޗު އޮތްއިރު ޔުވެންޓަސްއަށް މި އަހަރުގެ ލީގު ކާމިޔާބުކުރުމަށް ދެން ބޭނުންވަނީ ހަތަރު ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ލާޒިއޯ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 4 ވަނާގައެވެ.

އިޓާލިއަން ސީރިއާގައި ރޭ ޔުވެންޓަސްއާއި ލާޒިއޯ ވާދަކޮށް ޔުވެންޓަސް މޮޅުވި މެޗުގައި އެ ޓީމުގެ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ޔޫރަޕްގެ މަތީފަންތީގެ ތިން ލީގުގައި 50 ލަނޑު ހަމަކުރި ހަމައެކަނި ކުޅުންތެރިއާއަށެވެ. މިގޮތުން ރޮނާލްޑޯވަނީ އިނގިރޭސި ޕްރިމިއަ ލީގުގައި ކުޅުނު 196 މެޗުން 84 ލަނޑު ޖަހާފައެވެ. ސްޕެނިޝް ލަލީގާގައި ކުޅުނު 292 މެޗުން 311 ލަނޑު ޖަހާފައިވާއިރު އިޓާލިއަން ސީރިއާގައި ކުޅުނު 61 މެޗުން 51 ލަނޑު ރޮނާލްޑޯ ޖަހާފައިވެއެވެ.

ރޮނާލްޑޯ ރޭގައި ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ އިޓާލިއަން ސީރިއާގައި އެންމެ އަވަހަށް 50 ލަނޑު ހަމަކުރި ކުޅުންތެރިއާއަށެވެ. އަދި ރޭގެ މެޗުގައި ކާމިޔާބުކުރި ޕެނަލްޓީއާއެކު އެއް ސީޒަނެއްގައި އިޓަލީ ލީގުގައި އެންމެ ގިނަ ޕެނަލްޓީ ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑާ ވެސް އޭނާއަށް ވަނީ އަރާ ހަމަކުރެވިފައެވެ. ރޭ ޕެނަލްޓީއާއެކު ރޮނާލްޑޯ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި ޕެނަލްޓީގެ އަދަދު ވަނީ 12 އަށް އަރާފައެވެ. 1995-96 ސީޒަންގައި 12 ޕެނަލްޓީ ކާމިޔާބުކޮށް ފާއިތުވެދިޔަ ތަނުގައި މި ރެކޯޑްއޮތީ އިޓަލީގެ ފޯވާޑް ގުސެއްޕެ ސިންގނޯރީގެ އަތުގައެވެ.