މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާއި މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހުޅުމާލޭގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހިންގި ހަމަނުޖެހުމާއި ގުޅޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ހެނދުނު ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެންޖެހޭ މުސާރަ ނުލިބޭ ކަމަށްބުނެ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ކުރި އިހުތިޖާޖަކާއި ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާއި ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.
އެގޮތުން މި ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލހުން ބުނީ މިކަމާއި ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީ މަސައްކަތްތެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާކަމަށެވެ.
"ދަންނަވަމެވެ. މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން މި ސަރވިސް އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހިނދު، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މޯލްޑިވްސް ޕޮލިސް އިން މި ދަނީ ކުރަމުންނެވެ."
ފުލުހުން ބުނެފައި ވެއެވެ.
"އަދި ދަންނަވަމެވެ. މުސާރަ ނުލިބުން ފަދަ މައްސަލަތައް ހައްލުކުރުމުގައި، އެ ކަންކަން ހައްލުކުރުމަށް އެކަށަހަޅާފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރަމެވެ. ގާނޫނު ތަންފީޒު ކުރަންތިބޭ ފުލުހުންނަށް ހަމަލާދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެންލުން ދިނުންފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަސްނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ. "
ފުލުހުން އިތުރަށް ބުނެފައި ވެއެވެ.
Press Statement: PMC/2020/13
Miadhu Hulhumale gai bidheysee masakkaiytheringe bayaku hingi hamanujehumaa gulhey: https://t.co/IYQN1WKpPh#MPSPressStatement#FuluhungeNoosBayaan#MPSNoosBayaan pic.twitter.com/9ryCzn5rkS— Maldives Police (@PoliceMv) July 13, 2020
ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި ކަމަށް ބުނެ މިއަދު ވަނީ މުޒާހަރާކޮށް ފުލުހުންނަށް ހަމަލާ ދީފައެވެ.
މުޒާހަރާ ކުރި އައިލެންޑް އެކްސްޕާޓްގެ ބިދޭސީންނަކީ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރަމުން ގެންދާ މީހުންނެވެ. މި މީހުންނަށް މުސާރަ ނުދޭތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް އެ މީހުން މީގެކުރިންވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!