ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 2016/12 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިދިޔަ ޖޫން މަހުގެ 29 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކުރަށްވާ ފައިވާ ބިލެކެވެ.

Ad
rt

މި ޤާނޫނު ވުޖޫދުވުމާއި ގުޅިގެން ޤާނޫނަށް ގެނެސްފައިވާ އިޞްލާޙާއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޚާއްޞަ ޙާލަތްތަކުގައި ޝަރީޢަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދީފައިވެއެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީޢަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީޚުން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންޖެހޭގޮތަށް ވެސް މި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތިރީސްވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ނުވަތަ ކާރިސާއެއްގައި ޚާއްޞަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް މި ޤާނޫނުގައި ހިމަނާފައިވެއެވެ.

ކާރިސާގެ ހާލަތުގައި ގާނޫނު ބުނާ މުއްދަތުގައި މައްސަލައެއް ތަހުގީގުކުރުމަށާއި ދައުވާ އުފުލުމަށް ބޮޑެތި ހުރަސްތަކެއް ހުރިނަމަ ޕްރޮސެކިއުޓަ ޖެނެރަލަށް އެމައްސަލައެއް ތަހުގީގު ކުރުމަށް އިތުރު 60 ދުވަސް ދޭން ނިންމިދާނެ ކަމަށް މި ޤާނޫނުގައި ހިމަނާފައިވެއެވެ. އާންމު ހާލަތުގައި މައްސަލައެއް ތަހުގީގު ކުރަން ލިބޭނީ 30 ދުވަހެވެ.

މީގެ އިތުރުން ކާރިސާގެ ހާލަތުގައި މައްސަލައިގެ ހުކުމް ލިބޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވޭނެ ކަމަށް މިޤާނޫނުނަށް ގެނެވުނު އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އާންމު ހާލަތުގައި އިސްތިއުނާފު މުއްދަތަކީ 10 ދުވަހެވެ. އޭގެ އިތުރުން، އިސްލާހުގައިވާ ގޮތުން، ކާރިސާގެ ހާލަތުގައި ބައެއް ކުށްތަކުގައި ދައުވާ އުފުލަން އަދި ކޯޓުން ހުކުމް ކުރަން ދީފައިވާ މުއްދަތުވެސް އިތުރުވާނެ އެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.