މުގޮށި މާލޫދަކީ އިހުގައި ރާއްޖޭގެ މަދު ރަށްރަށެއްގައި ކިޔައި އުޅުން މާލޫދެއްކަމަށް އަދުގެ މުސްކުޅީން ބުނެއުޅެއެވެ. "ކީރިތި ރަސޫލާގެ ސިޔަރަތު" ފޮތުގައި (މުތަރުޖިމް) ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވާ ގޮތުގައި، މި މާލޫދަކީ އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ގެ އަރިހުގައި ޟައްބު (ضَبّ) އެވެ ކިޔޭ ސޫތްޕެއް ބަސްދަންނަވައި ޝަހާދެއްކީ ވާހަކަ، ނަންގަންނަވައި އިހުގެ ދިވެހި ދަންނަބޭކަލަކު ޢަރަބި ބަހުން އެކުލަވާލައިފައިވާ މާލޫދެކެވެ. ދިވެހީން މި މާލޫދަށް މުގޮށި މާލޫދޭ ކިޔައި އުޅެނީ ޟައްބުގެ ދިވެހި ތަރުޖަމާ އަކީ މުގޮށި ކަމުގައި ބަލައިގެން ކަމުގައި ފެނެއެވެ.

އިބްނު ޚާލަވައިހި ވިދާޅުވި ކަމަށް "ކީރިތި ރަސޫލާގެ ސިޔަރަތު" ފޮތުގައި ލިޔުއްވާފައި ވަނީ، ޟައްބަކީ 700 އަހަރާއި 1000 އަހަރާ ދެމެދުގެ މުއްދަތަކަށް ދުނިޔޭގައި އުޅޭ އެއްޗެކެވެ. އޭގެ ދަތްޕިލާ ހުންނަނީ އެކި ދަތް ވަކިވަކީން ހުރުމުގެ ބަދަލުގައި އެކީ އެކައްޗަކަށެވެ. އަދި ޟައްބަކީ ދުވަހަކު ދަތް ވެރޭ އެއްޗެއް ވެސް ނޫނެވެ. 40 ދުވަހުން 1 ދުވަހު ޟައްބު ކުޑަގިފިލި ކުރާއިރު، އެސޮރު މާގިފިލި ކުރަނީ އަދި އެއަށްވުރެވެސް މަދުންނެވެ.

Ad
rt

އިހުގެ ދިވެހީން ޟައްބަކީ މުގޮށި ކަމުގައި ކުރާ ތަރުޖަމާއަކީ ކުށްގޮތެއް ކަމުގައި ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ބުރަވެލައްވައެވެ (ކީރިތި ރަސޫލާގެ ސިޔަރަތު). ދިވެހި ބަސްފޮތުގައި އޮންނަ ގޮތުގައި، މުގޮއްޓަކީ "މީދަލާ ވައްތަރު މީދަލަށްވުރެ ބޮޑުމާ ޖަނަވާރެއް. މިއީ ހަރުފަ ކާއެއްޗެކެވެ. މީގެ ހަތަރެސްފައި ކުރުވާނެއެވެ". ކޮންމެއަކަސް، މާލޫދު އެއްޗެއްސަށް ނަން ކީފައި ހުންނަ ގޮތަކީވެސް ގިނަ ގޮތްތަކެކެވެ. އަދި ތަފާތު ގިނަ މާލޫދު ވެސް ހުރެއެވެ. ބުރުދާ، ބަދުރު މާލޫދު، ބަރުޒަންޖީ މާލޫދު، އަޙްސަނުލްޢިބަރު، ޝައްރަފުލްއަނާމު، ސުބުހާނަ މާލޫދު، ތާނަމާލޫދު، މިހެން ގޮސް ކިތަންމެ މާލޫދެއް ހުރެއެވެ. މާލޫދަކީ މީސްމީހުން ހަދައިއުޅޭ އެއްޗެއްކަމުން އެހެދި މީހަކު ނުވަތަ އެތަރުޖަމާކުރި މީހަކު އޭނާއަށް އެފެންނަ ކޮންމެވެސް ނަމަކުން ކިޔައި އުޅެއެވެ.

އަދި އިތުރު އެކަލޭގެފާނު (صلى الله عليه وسلم) ގެ އަރިހުގައި ޟައްބު (ضَبّ) ބަސްދަންނަވައި ޝަހާދެއްކީ ވާހަކަ އެކުލެވިގެންވާ ޙަދީޘަކީ ބައިހަޤީ އާއި އެނޫން ބައެއް ބޭކަލުން ރިވާކުރައްވާފައިވާ މައުޟޫޢު ސަނަދެކެވެ. ހަދާފައިވާ ބާޠިލު ސަނަދެކެވެ (މީޒާނުލް އިޢުތިދާލް، 3/ 651). ޙަދީޘް ޢިލްމުވެރިން ވިދާޅުވެފައިވަނީ މިއީ (އެއްގޮތަކަށްވެސް) ޞައްޙަ ޙަދީޘެއް ނޫންކަމުގައެވެ (ލިސާނުލް މީޒާން، 5/ 292، ކަންޒުލް ޢުއްމާލް، 12/ 358، އައްޟަޢީފާ، 9/ 78).

މުގޮށި މާލޫދާ ބެހޭގޮތުން ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ވިދާޅުވާ ގޮތުގައި، "އަހުރެންގެ އުމުރުން 13 އަހަރުގައި (ހިޖުރައިން 1311 ވަނަ އަހަރު، މީލާދީން 1893 ވަނަ އަހަރުގެ ހިސާބުގައި) އެމައުލޫދު ކިއެވީމެވެ. އެއީ އަހުރެން އައްޑޫ މީދުއަށް ކިޔަވާން ގޮސް، އަހުރެމެންގެ އެދުރު، އައްޝައިޚުލް ޙާފިޟު އިބްރާހީމް އަޚުލްޤާޟީ މޫސާ ބަދުރުއްދީން، މިކަލޭގެފާނުގެ އަރިހުގައި ހުރި އިރުގައެވެ" (ކީރިތި ރަސޫލާގެ ސިޔަރަތުގެ އޯޑިޔޯ ރެކޯޑިން).

މުގޮށި މާލޫދަކީ، ދިވެހީން ކިޔައި އުޅުން އާންމު މާލޫދު ތަކުގެ ތެރޭގައި ހިމެނޭ މާލޫދެއް ކަމުގައެއް ނުފެނެއެވެ. މިއާއެކު އެހެނިހެން މާލޫދުތައް އުވިދިޔަހެން މުގޮށި މާލޫދަކީ ވެސް ދިވެހީންގެ ދީނީ އާދަކާދަތަކުގެ ތެރެއިން މާޒީގެ ތެރެއަށް ދޫކޮށްލާފައިވާ އެއްޗެކެވެ.

ހަވާލާ:

- ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވި "ކީރިތި ރަސޫލާގެ ސިޔަރަތު"
- އަލްބިދާޔަތު ވައްނިހާޔަތު
- ލިސާނުލް މީޒާން
- ކަންޒުލް ޢުއްމާލް
- ސިލްސިލަތުއް ޟަޢީފަތު
- މީޒާނުލް އިޢުތިދާލް
- ދިވެހި ބަސްފޮތް

ޚާއްޞަ އެހީތެރިކަން:
- އަލްމަރުޙޫމު ކެލާ އަޙްމަދު (ތަކަންދޫ)
- އަލްފާޟިލް ބޭބެ އަޙްމަދު (ކުޅުދުއްފުށި)
- އަލްފާޟިލް ޙުސައިން އާދަމް (ތަކަންދޫ)
- އަލްއުސްތާޒު އެދުރު ޢަބްދުއްލަޠީފް (ތަކަންދޫ)
- އަލްފާޟިލް އިބްރާހީމް ޢީސާ (ވައިކަރަދޫ)
- އަލްފާޟިލް ނައިފަރު ދޮން ހުސޭނު (ވައިކަރަދޫ)
- އަލްފާޟިލް ޢަބްދު ﷲ އާދަމް (ތަކަންދޫ)

ފޮޓޯގައި އެވަނީ "ޠަލަޢަލް ބަދްރު ޢަލައިނާ" ގެ ތަންކޮޅެކެވެ.