ރައްޔިތުން މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ބަދަލު ހިފުމުގެ ޖޯޝާއި ފޯރީގައި އޮތް މަޖިލީހެއް ކަމަށާއި، އެ މަޖިލީހުން އިންސާފު ލިބިދާނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވަައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވީ ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އަމަލު ކޮށްފައިވާތީ އޭނާ ގާޒީކަމުން ވަކިކުރަން ޖޭއެސްސީން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށެވެ.

Ad
rt

އެމައްސަލަ މިއަދުވަނީ މަޖިލިސްގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަން ތެރޭގައި އެޖެންޑާ ކޮށްފައެވެ. އެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ، "ގާޒީ ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމުމަށް" އެ މައްސަލައާއި ގުޅޭ މަޖިލިސްގެ ކޮމެޓީއަށް ފޮނުވުމަށެވެ.

ޤާޟީ ޙަސަން ނަޖީބު އިސްތިއުފާދެއްވައި، ނެރުނު ބަޔާނެއްގައި ވަނީ މަޤާމުން އިސްތިއުފާދެއްވީ މި ދަނޑިވަޅު ޝަރުއީ ނިޒާމުގެ ތެރޭގައި ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއި މިނިވަންކަމާއެކު ޙުކުމް ކުރުމުގެ މާޙައުލުނެތި ގެއްލި ގޮސްފިކަމަށް ޤަބޫލުކުރެވޭތީކަމަށެވެ.

އިތުރަށް އެ ބަޔާނުގައި ވަނީ ރައްޔިތުން މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ބަދަލު ހިފުމުގެ ޖޯޝާއި ފޯރީގައި އޮތް މަޖިލީހަކަށް ވުމުން އެމަޖިލީހުން ިއންސާފު ލިބިދާނެކަމަށް ޤަބޫލުނުކުރެއްވޭ ކަމަށެވެ.

ޖޭއެސްސީން ކުރިން ނެރުނު ބަޔާނެއްގައި ވަނީ 2017 ވަަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. އަތޮޅު ކައުންސިލުގެ ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓަށް ތާއީދު ހޯއްދަވަން ހަސަން ނަޖީބު މަސައްކަތް ކުރެއްވި ކަމާއި، އެ ކެންޑިޑޭޓު ނިސްބަތްވި ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމާއި، އެ އިންތިހާބުގައި ވާދަކުރި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލު ކުރައްވަން އޭނާ މަސައްކަތް ކުރެއްވިކަން އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގައި ހަސަން ނަޖީބު ވާހަކަފުޅު ދެއްކެވިކަންވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

ހަސަން ނަޖީބުގެ މައްޗަށް ސާބިތުވި ތިން ވަނަ ކަމަކީ ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި އެއްވެސް ތަހުގީގީ އިދާރާއަކުން ނޭދެނީސް، ދެ މީހަކު ހައްޔަރު ކުރުމަށް އޭނާ އަމިއްލަފުޅަށް އަމުރެއް ނެރުނު ކަމެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައެޅިފައިވާ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމެއް ކަމެއް ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ.

ހަސަން ނަޖީބު ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ހަމަޖައްސާފައި ވަނީ ރައީސް ޔާމީނު ސަރުކާރުގެ ފަހުކޮޅުއެވެ.