ރާއްޖެއިން ކޯވިޑް-19 ބަލީގައި 11 ވަނަ މީހަކު މަރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިފަހަރު މިބަލީގައި މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް-11 ގައި ފަރުވާ ދެނިކޮށް ރޭ މެންދަމު 1:52 ގައި ކަމަށް އެޗުޕީއޭ އިން ބުންޏެވެ.

Ad
rt

ރޭ މަރުވި އަންހެން މީހާއަކީ މިމަހުގެ 2 ވަނަ ދުވަހު ހަމަ މި ބަލީގައި މަރުވި އުމުރުން 92 އަހަރުގެ މީހާގެ އަނބިމީހާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މީގެކުރިން ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ ފަސް ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ޕިލިޕީންސްގެ މީހެކެވެ. ރޭ މަރުވި މީހާއާއި އެކު ރާއްޖެއިން ކޯވިޑް -19 ޖެހިގެން މަރުވި މީޙުންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 2،435 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 2،030 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. މިވަގުތު މިބައްޔަށް ފަރުވާކުރެވެމުން ދަނީ 389 މީހުންނަށެވެ.