ދުނިޔޭގެ ބައްރުތަކުގައި ފެތުރެމުންދާ ކޯވިޑް-19 ބަލި ޖެހުނު މީހުންގެ ޢަދަދު 10 މިލިއަން ފަހަނަ އަޅައި ގޮސްފިއެވެ.

މިހާތަނަށް ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު މިބަލި ފެތުރެމުން ދާއިރު، އަދިވެސް މިބައްޔަށް އެދެވޭ ފަރުވާއެއް ހޯދުމުގައި ދުނިޔެވަނީ ނުކުޅެދިފައެވެ.

Ad
rt

މިހިނގާ ޖޫން 21 ވަނަ ދުވަހު މިބަލި ޖެހުނު މީހުންގެ ޢަދަދު 9 މިލިއަނަށް އަރާފައިވާއިރު، ޖޫން 15 ވަނަ ދުވަހު ވަނީ ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 8 މިލިއަނަށް އަރާފައެވެ.

މިހިނގާ ޖޫން މަހުގެ 7 ވަނަ މިބަލިޖެހުނު މީހުންގެ ޢަދަދު 7 މިލިއަނަށް އަރާފައިވާއިރު، މިބަލި ޖެހުނު މީހުންގެ ޢަދަދު 6 މިލިއަނަށް އަރާފައި ވަނީ ހުސްވި މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

27 ޖޫން 2020، ދިވެހިރާއްޖެ ގަޑި، ރޭގަނޑު 23:11 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ޕޮޒިޓިވްވި މީހުންގެ ޢަދަދު: 10,000,051 (ދިހަ މިލިއަން ފަންސާސް އެކެއް)
މަރުވި މީހުންގެ ޢަދަދު: 498,950 (ހަތަރު ލައްކަ ނުވަދިހަ އަށް ހާސް ނުވަސަތޭކަ ފަންސާސް)
ރަނގަޅުވި މީހުންގެ ޢަދަދު: 5,414,646 (ފަސް މިލިއަން ހަތަރު ލައްކަ ސާދަ ހާސް ހަސަތޭކަ ސާޅިސް ހައެއް)

ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާ ދުނިޔޭގެ ގަދަ ބާރު، އެމެރިކާއެވެ. އެގައުމުން އެކަނި ވެސް 127,925 މީހުން މިހާތަނަށް މިބަލީގައި މަރުވެފައި ވާއިރު އެގައުމުގައި އެބަށްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2,576,929 އަރާފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 1,071,393 މީހުންނެވެ.

ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުގެ ގޮތުގައި އޮތީ 1,284,214 މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލްއެވެ. އެ ޤައުމުން ވަނީ 56,197 މީހުން މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 697,526 މީހުންނެވެ.

ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ވެފައިވަނީ ރަޝިޔާއިންނެވެ. އެ ޤައުމުން 627,646 މީހުން ޕޮޒިޓިވްވެ 8,969 މީހުން ވަނީ މަރުވެފައެވެ. އެ ޤައުމުން ރަނގަޅުވެފައި ވަނީ 393,352 މީހުންނެވެ.

ޤައުމުތަކުގެ އިގްތިސޯދު ފުނޑުފުނޑުވެ ގޮތް ހުސްވުމުން ބައެއް ޤައުމުތަކުން މިހާރުވަނީ ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ. އަދި ބަލި ކޮންޓްރޯލްވިކަމަށް ބުނެވެސް ބައެއް ޤައުމުތަކުން ދަނީ ލުއި ދެމުންނެވެ. މިބަލި ކުރިން އެންމެ ބާރަށް ފެތުރެންފެށި ޔޫރަޕުން ބަލި ފެތުރުން ކޮންޓްރޯލް ވުމުގައި ކުރިއެރުން ހޯދާފައިވިޔަސް ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ.

އަވަށްޓެރި އިންޑިއާއަކީ މިބަލި ހަލުވިކަމާއިއެކު ފެތުރެމުންދާ އެއް ޤައުމެވެ. އެ ޤައުމުގެ 529,274 މީހުން މިބަލީގެ ޝިކާރައަކަށް ވެފައި ވާއިރު، އެ ޤައުމު އޮތީ އެންމެ ގިނައިން ބަލި ޖެހުނު ޤައުމުތަކުގެ ލިސްޓުގެ 4 ވަނައިގައެވެ. އެ ޤައުމުން މިހާތަނަށް ވަނީ މިބަލީގައި 16,102 މީހުން މަރުވެފައެވެ.

އަވަށްޓެރި ސްރީލަންކާއިން މިބަލި ފެތުރުން ޤައުމުތަކާ އަޅާ ބަލާއިރު ބަލި ކޮންޓްރޯލް ކުރުމުގައި ބޮޑުކާމިޔާބީ ހޯދާފައިވީ ނަމަވެސް އެޤައުމުން އިއްޔެ 19 މީހުން މިބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. ދުނިޔޭން ބަލި ޖެހުނު މީހުންގެ ލިސްޓްގެ 105 ވަނާގައި އެ ޤައުމު އޮތްއިރު އެ ޤައުމުން ބަލި ޖެހިފައިވަނީ 20،33 މީހުންނަށެވެ. އެ ޤައުމުން މަރުވެފައި ވަނީ 11 މީހުންނެވެ.

މިހާތަނަށް 2305 މީހުންނަށް ބަލިޖެހިފައިވާ، ދިވެހިރާއްޖެ އޮތީ މިލިސްޓްގެ 102 ވަނައިގައެވެ.

އިއްޔެއަކީ ރެކޯޑް އަދަދަކަށް ދުނިޔެއިން މިބައްޔަށް މީހުން ޕޮޒިޓިވްވި އެއް ދުވަހެވެ. އިއްޔެ އެކަނިވެސް ދުނިޔެއިން 194,190 މީހުންނަށް މިބަލި ޖެހިފައެވެ.

މިބަލި ކޮންޓްރޯލް ކުރުމުގައި އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ 213 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ މި ބަލި ފެތުރިފައެވެ. ނަމަވެސް މިބަލީގައި މަރުވާ މީހުންގެ އަދަދު މިހާރު ދުނިޔޭން އަންނަނީ ދަށްވަމުންނެވެ. އަދި ބަލިން ފަސޭހަވާ ނިސްބަތްވެސް އަންނަނީ މަތިވަމުންނެވެ.