ގާނޫނުހަދާ މަޖިލީހުގެ ގާނޫނަށް އިސްލާހު ގެނެސް، މަޖިލީގެ މެންބަރުންގެ %25 އަކީ އަންހެނުންކަމުގައި ހެދުމަށް މިސްރުގެ ގާނޫނުހަދާ މަޖިލިސް (މަޖްލިސުއްނު އްވާބް) އިން މިދިޔަ ހޯމަދުވަހު ފާސްކޮށްފިއެވެ.

ނޭޝަނަލް އިލެކްޝަންސް އޮތޯރިޓީގެ ގާނޫނަށާއި ގާނޫނުހަދާ މަޖިލީހުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިޖިޕްޓްސް ސަޕޯޓް ކޯލިޝަނުގެ ރައީސު ޑރ. ޢަބްދުލް ހާދީ އަލްޤަޞްބީ އާއި އިތުރު 60 މެންބަރުން ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ގާނޫނުހަދާ މަޖިލީހުގެ ގޮނޑީގެ އަދަދަކީ 568 އެވެ. އޭގެ ތެރެއިން %25 ޚާއްސަކުރެވޭނީ އަންހެނުންނަށެވެ. އަދި ގިނަވެގެން %5 ގޮނޑިއަށް މެންބަރުން އައްޔަންކުރެއްވުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ.

Ad
rt

މިސްރުގެ ގާނޫނުހަދާ މަޖިލީހުގެ ރަސްމީ ވެބްސައިޓުގައި ބުނެފަިވާގޮތުން ފާސްކުރި އިސްލާހުތަކަކީ އާއްމު ރައްޔިތުންގެ މެދުގައި 2019 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓެއްގައި އެގައުމުގެ ރައްޔިތުން ތާއިދުކޮށްފައިވާ އިސްލާހުތަކެކެވެ. މި އިސްލާހުތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިޔާގެ ރިޔާސީ ދައުރުން 4 އަހަރުން 6 އަހަރަށް އިތުރުކުރުންވެސް ހިމެނެއެވެ. މިއާއި އެކު އެމަޖިލީހުން ފާސްކުރި އިތުރު ގާނޫންނަކުން މިހާރު މިސްރުގެ ވެރިކަމުގައި ހުންނެވި އަބްދުލް ފައްތާހު އަލް ސީސީ ގެ ދައުރު ވަނީ 2024 ވަނަ އަހަރަށް ދަންމާލާފައެވެ.

އިޖިޕްޝަން ސެންޓަރ ފޯ ވިމަންސް ރައިޓްސް (އީސީޑަބްލިޔުއާރް) އިން ގޮވާލަމުން އައިސްފައި ވަނީ ގާނޫނުހަދާ މަޖިލީހުން %30 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށެވެ.

މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހަށް މިހިނގާ މަޖިލީހުގެ ދައުރު ހަމަވާނެއެވެ. އެހެން ކަމުން މިއަހަރުގެ ނޮވެމްބަރ މަހު އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިހާބެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިއަހަރަކީ އެގައުމުގައި ގިނަ އިންތިހާބުތަކެއް ބޭއްވިގެން ދާނެ އަހަރެކެވެ. އެގޮތުން ލޯކަލް ސިޓީކައުންސިލް އިންތިހާބާއި ދަ ސެނެޓްގެ އިތުރުން ހައުސްއޮފް ރިޕްރެސެންޓޭޓިވްގެ އިންތިހާބުވެސް މިއަހަރު އޮންނާނެއެވެ.