ކޯވިޑް-19 ފެތުރެން ފެށި ޗައިނާގައި އެބަލި ކޮންޓްރޯލް ކުރެވިފައިވާކަމަށް ނިންމައި، އާންމު ހާލަތުގައި ވަނިކޮށް އިއްޔެ 57 މީހަކު އަލަށް އެ ބައްޔަށް ޕޮޒިޓިވްވެ، އަލުން ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
ޗައިނާގެ މެއިން ލޭންޑުން ހޮނިހިރު ދުވަހު އަލަށް 57 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށް އެ ޤައުމުގެ ސިއްހީ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން 38 ކޭހަކީ ލޯކަލް ޓްރާންސްމިޝަން ކަމަށްވެސް އެ އިދާރާއިން ވަނީ ރިޕޯޓުކޮށްފައެވެ.
މި 38 ކޭހުގެ ތެރެއިން 36 މީހުން ނިސްބަތްވަނީ ވެރިރަށް ބެއިޖިންގއަށެވެ. އަނެއް 2 މީހުން ނިސްބަތްވަނީ އެޤައުމުގެ ސައުތު އީސްޓަން ލިއޮންނިންގ ޕްރޮވިންސްއަށް ކަމަށް އެ ޤައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ވަނީ ބުނެފައެވެ. ލިއޮންނިންގ ޕްރޮވިންސްއިން އަލަށް ޕޮޒިޓިވްވި ދެ މިހުންނަކީވެސް ބެއިޖިންގ ކޭހަކާއި ސީދާ ބައްދަލުވި މީހުންނެވެ.
އެ ޤައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ މީގެ ތެރެއިން 9 މީހުންނަކީ އެއްވެސް ވަރަކަށް ބަލީގެ އަލާމާތް ފެނިފައި ނުވާ މީހުންކަމަށެވެ.
Chinese capital city #Beijing reported 36 new confirmed #COVID19 cases with one asymptomatic case, according to local health authorities on Sunday. #China pic.twitter.com/6k1My1iue3
— CGTN (@CGTNOfficial) June 14, 2020
ޗައިނާގައި މިބަލި ކޮންޓްރޯލްވިފަހުން އެ ޤައުމުގައި އޮތީ އާންމު ހާލަތެވެ. އެ ޤައުމުގެ 83،132 މީހުންނަށް ވަނީ މިހާތަނަށް ބަލި ޖެހިފައެވެ. އެ ޤައުމުން 4634 މީހުން މަރުވެފައިވާއިރު، 78،369 މީހުން ވަނީ ރަނގަޅުވެފައެވެ. އެ ޤައުމުގައި މިވަގުތު މިބައްޔަށް ފަރުވާ ދެވެމުން ދަނީ 129 މީހުންނަށެވެ.
ކޯވިޑް-19 ވައިރަސްއަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސީފުޑް މާރުކޭޓަކުން ފެތުރެން ފެށި ބައްޔެއްކަމަށް ވަނީ ލަފާކޮށްފައެވެ.
މިބަލި އިއްޔެވެސް ދުނިޔޭގެ ކަންކޮޅުތަކުން އަލަށް 128,403 މީހުންނަށް ވަނީ ޖެހިފައެވެ. ދުނިޔޭން މިހާތަނަށް 7,859,593 މީހުންނަށް މިބަލި ވަނީ ޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!