ސޯޝަލް މީޑިއާގައި މިނިސްޓަރާ އެއްކޮށް ޖަހައިލާ ފޮޓޯއަކުން، ނޫނީ ޖަހައިލާ ޓްވީޓަކުން ހދ. އަތޮޅުގައި އިތުރު ރިސޯޓެއް އެޅިގެން ނުދާނެ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތެއްތިރީސް ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، ސަރުކާރުން އިޢުލާން ކުރި ޓޫރިޒަމް ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭނާމެދު މަކުނުދޫ ދާއިރާގެ ވަރަށް ގިނަ ޒުވާނުންގެ ކަންބޮޑުވުން ފާޅުކުރައްވާ އެ މެމްބަރަށް ގުޅުއްވި ކަމަށެވެ.

Ad
rt

"ޚާއްޞަކޮށް ހދ.ގެ ޒުވާނުން ވަރަށް ގުޅި. މާ ބޮޑު މާސްޓަރ ޕްލޭނެއް އެކުލަވައިލައިގެން އެބޭފުޅުން ކަންތައް ބޮޑުވެފައި ތިބީ ހދ. އަށް ރިސޯޓު ނައިސްގެން." ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ސޯޝަލް މީޑިއާގައި މިނިސްޓަރާ އެއްކޮށް ޖަހައިލާ ފޮޓޯއަކުން، ނޫނީ ޖަހައިލާ ޓްވީޓަކުން ނުވަތަ މިނިސްޓަރު މަޖީލީހަށް ހާޒިރުކޮށްފައި ސުވާލުކުރީމަ، ހދ. ގައި ރިސޯޓެއް އެޅިގެން ނުދާނެކަމަށެވެ. އަދި އިތުރަށް ވިދާޅުވީ މިހާރުވެސް ހދ. ގައި ރިސޯޓު އެޅުމަޚި މަނާ ކަމެއް ނޫން ކަމަށާއި ޕްރައިވެޓް ސެކްޓަރުން ވެސް އިންވެސްޓުކޮށްގެން ރިސޯޓު ނުވަތަ ގެސްޓްހައުސްތައް އެޅުމުގެ ފުރުސަތު މިހާރުވެސް ލިބިފައިވާކަމަށެވެ.

މެމްބަރު ވިދާޅުވީ "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާސްޓަރ ޕްލޭނަކީ އޭގެތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނިގެންދާ ކަމެއް ކަމަށާއި އެ މާސްޓަރ ޕްލޭންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޓުއަރިޒަމް ސެކްޓަރާ މެދު މާ ބޮޑު މާސްޓަރ ޕްލޭނެއް ގެންގުޅުއްވާ ކަމަށާއި އަދި އެއަށް ވުރެ ވެސް މާ ބޮޑު މާސްޓަރ ޕްލޭނެއް އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސްގެ ސިކުނޑިފުޅުގައި އެބައޮތް ކަމަށެވެ.

"އަޅުގަނޑަށް ހދ. ގެ ޒުވާނުންނަށް ޔަޤީންކަން މިދެނީ މި ފަސް އަހަރު ނިމިގެންދާއިރު ތި ބޭފުޅުން ރެކޯޑަށް މީތި ބަހައްޓާތި! ހދ. މަކުނުދޫ ދާއިރާގެ މެންބަރު މި ބުނަނީ، އަޅުގަނޑުމެންގެ ދާއިރާގައި ރިސޯޓު ހުޅުވިގެންދާނެ. ރިސޯޓުތަކުގައި މަސައް ކަތްކުރާނެ. އެ ޔަޤީންކަން އަޅުގަނޑު މި ދިނީ" މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވިއެވެ.