ޮކޯވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 77.3 މިލިއަން ރުފިޔާގެ ސިއްޙީ ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޔޫއޭއީ އަށް ޝުކުރު އަދާކުރައްވައިފިއެވެ.

Ad
rt

ފޮރިން މިނިސްޓްރީއިން ބުނީ ޔޫއޭއީއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ރިއަލް ޓައިމް ޕީސީއާރް ސިސްޓަމްސް، ޕީސީއާރް އެކްސްޓްރެކްޝަން މެޝިން، ކޮވިޑް-19 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް، 30 ހާސް ޓެސްޓް ހެދޭނެ ޕީސީއާރް ކިޓް، ޕީޕީއީ (ޑިސްޕޯސަބަލް ކަވަރޯލްސް، ޝޫ ކަވަރ، ފޭސް މާސްކް، ފޭސް ޝީލްޑް، މާސްކް އަދި އަންގި ހިމެނޭ ގޮތަށް) އަދި ހޭންޑް ސެނިޓައިޒަރ ހިމެނޭ ކަމަށެވެ.

މީގެ ތެރޭގައި ހިމެނޭ ޕީ.ސީ.އާރް މެޝިނުން ގަޑިއަކު 96 ޓެސްޓް ހެދޭނެ ކަމަށާއި، އަދި މިއާއެކު ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ސްޕީޑް އަވަސްވެ، ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިލޭ އެހީގެ ގޮތުގައި ޔޫއޭއީ އިން ފޯރުކޮށްދިން މި އެހީގެ ތަކެތީގެ ބަރުދަނުގައި 70 ޓަނު ހުރިއިރު، މިތަކެތި މިއަދު ރާއްޖެ ގެނެސްފައިވަނީ މިކަމަށް ޚާއްސަކޮށް ޔޫ.އޭ.އީއިން ފޮނުވި ޚާއްސަ މަތިންދާބޯޓެއްގައި ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޔޫއޭއީއިން މިދިން އެހީއާއި ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ ޔޫއޭއީގެ ވެރިންނާއި، ސަރުކާރާއި އަޚުވަންތަ ރައްޔިތުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައި ކަމަށްވެސް ފޮރިންގ މިނިސްޓްރީއިން ބުނެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ޤާބިލްކަން އިތުރުކުރެވި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވިގެން ދިއުމުގެ މަގުފަހިވެގެން ދިޔައިރު، މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، 'ނިއު ނޯމަލް' އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ކޯވިޑާއާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުން އަންނަނީ ދިވެހިރާއްޖެއަށް ބޮޑެތި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.