މާލޭ ސަރަޙައްދުގައި ތަރައްޤީގެ ބިނާތައް އިތުރަށް ހެދުމުން މާލޭގެ ތޮއްޖެހުމަށް ހައްލެއް ނުގެނެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެމްބަރ އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިއަދު ކުރެއްވި ޓުވިޓެއްގައި ބުނެފައިވަނީ ‏މާލޭގެ ވަށައިގެން ހުރިހުރިހާ ފަރުތަކެއް ހިއްކާ، އެ ހުރިހައި ތަނެއް ބުރިޖުން ގުޅާލާ، އަދި ފަންސަވީސްބުރީގެ ޓަވަރުތައް އަޅާ، ޓްރާންޝިޕްމަންޓު ބަނދަރާ ޔޮޓު މެރީނާ އަޅާފައި އަދި ކެންސަރު ސްޕެސަލިޓް ހޮސްޕިޓަލާއި އިތުރު 14 ސްކޫލް ހުޅުމާލޭގައި އެޅީމާ، މާލޭގެ ތޮއްޖެހުމަށް ހައްލެއް ނުގެނެވޭނެކަމަށެއެވެ.

Ad
rt

މާލެ ސަރަހައްދު ތޮއްޖެހުމާއި ދެކޮޅަށް އަލީހުސެއިން އަޑުއުފުލާފައި ވާއިރު މާލެ ސަރަހައްދު އިތުރަށް ހިއްކަން ޖެހޭނީ އެހެން ގޮތެއް ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި އޮތް ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ފެށުމާ އެކު ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ނަމަވެސް އެ ޕްރޮޖެކްޓް ކޮންމެހެން ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެއެވެ.

އަލީ ހުސައިން މިހެން ބުނެފައިވާ ވާއިރު ގުޅީފަޅުގެ ޕްރޮޖެކްޓް އާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި މިސަރުކާރު ވެރިކަމަށް އައުމަށް ގެންގުޅުނު ޖަޒީރާ ރާއްޖެ މެނިފެސްޓޯއަށް އަމަލުތައް ފެނިގެން ނުދާކަމަށް ބުނެ މީސްމީޑިޔާގައި ވަނީ ބަހުސް ފެށިފައެވެ. މާލެ ސަރަހައްދަށް މިޙުން ތޮއްޖެހުމަށް ދިމާވެފައިހުރި ކަންކަން އަތޮޅު ތެރެއަށް ބަހާލާ މާލެއަށް ލުއިކޮށްލުމަށް މިސަރުކާރުން ވެފައިވާ ވަޢުދު ތަކަށް އަމަލީ ސިފަ ފެންނަމުން ނުދާކަމަށް އެމީހުން ބުނެފައިވެއެވެ.